11 ޑިސެންބަރު 2025

ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު ދެމީހަކު ހައްޔަރުކޮށްފި

މީހަކަށް ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، މި މައްސަލައަކީ، ފޭސްބުކް މެސެންޖަރ އިން މީހަކާ ވާހަކަދައްކައި އެ މީހާގެ އޮރިޔާން ވީޑީއޯ ހުރިކަމަށް ބުނެ ބިރުދައްކައިގެން ހުޅުމާލެ ފޭސް 1 އަށް ގެންގޮސް، ވަޅިން ބިރުދައްކައި، އެ މީހާގެ އެކައުންޓުން ފައިސާ ނަގައި، އޮރިޔާންކޮށް އަދި ވީޑިއޯކޮށް އިތުރު ފައިސާ ހޯދުމަށް ޑިމާންޑުކުރާ ކަމަށް ރިޕޯޓުކޮށްފައިވާ މައްސަލައެކެވެ. މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުން، ހއ. ފިއްލަދޫ / ސީރީންމަންޒިލް، މުޙައްމަދު ޟަމީރު (29އ) އާއި ލ. ގަން / ތުނޑި. އަރާއިރު، ޢަލީ ހައިސަލް (37އ) ހައްޔަރުކޮށްފައިވަނީ މި ސެޕްޓންބަރު މަހުގެ 4 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައެވެ. ހުޅުމާލެ ފޭސް 1 ގައި އެ މީހުން ދިރިއުޅޭ އެޕާޓްމަންޓަކުން އެ ދެމީހުން ހައްޔަރުކޮށް، އެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު، 3 މޯބައިލްފޯނު، 3 އަތުކުރީގަޑި، 1 ޑްރޯން، 1 ދޮށި، 2 އަވިއައިނު އަދި ރިހި ފަށަކާއި ރިހި އަނގޮޓިއެއް ފެނިފައިވެއެވެ. މި ތަކެއްޗަކީ އެކި މީހުންގެ އަތުން ފޭރިފައިވާ ތަކެތި ކަމަށް ބެލެވެއެވެ. މީގެ އިތުރުން 6 ވަޅި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ހައިސަލް 4 ދުވަހަށް އަދި މުޙައްމަދު ޟަމީރު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް މީހުންނާ ވާހަކަދައްކައި އޮރިޔާން ވީޑިއޯ ހުރިކަމަށް ބުނެ ބިރުދައްކައިގެން، މުޙައްމަދު ޟަމީރުއާއި، ޢަލީ ހައިސަލް ދިރިއުޅޭ އެޕާޓްމަންޓަށް ގެންގޮސް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، ވީޑިއޯކޮށް އަދި ފައިސާ ހޯދާފައިވާ އިތުރު ދެ މައްސަލަ ވެސް ފުލުހުން ރިޕޯޓުކޮށްފައިވެއެވެ.

މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެމީހުން، އިތުރު މީހުންނަށް ވެސް ބިރުދައްކައިގެން ފޭރިފައިވާ ކަމަށް ބެލެވޭތީ، އެ މީހުންގެ ފަރާތުން މިފަދަ އެއްވެސް ކަމެއް ދިމާވެފައިވާ އެއްވެސް މީހަކު ވާނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު