އަފްޣާނިސްތާނަށް މީގެ ހަފްތާއެއްހާ ދުވަސް ކުރިން އައި ބާރުގަދަ ބިންހެލުމުގައި 2،200 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބައެއްގެ ގެދޮރު ގެއްލިގެން ގޮސްފައިވާއިރު، އެ ޤައުމަށް ބޭނުންވާ ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ރެކްޓަރ މިންގަނޑުން 6ގެ ބާރުމިނުގައި އައި މި ބިންހެލުމަކީ ފަހުގެ ތާރީޚުގައި އަފްޣާނިސްތާނަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. މި ކާރިޘާއާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ މީސްމީޑިޔާ މެދުވެރިކޮށް އަފްޣާނިސްތާނަށް ތައުޒިޔާ ފޮނުވާފައެވެ. ނަމަވެސް އިންސާނީ އެހީތެރިކަން ބޭނުންވާކަމުގެ އިޢުލާނެއް އެމެރިކާއިން މިހާތަނަށް ކޮށްފައެއް ނުވެއެވެ.
މީގެ ކުރިން އަފްޣާނިސްތާނަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ޤައުމުގެ ގޮތުގައި އޮތް އެމެރިކާއިން މިފަދަ ފިޔަވަޅެއް އަޅާފައި ނުވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަފްޣާނިސްތާނަށް ދެމުންދިޔަ އެންމެހާ އެހީތެރިކަން ކަނޑާލުމަށް މިދިޔަ އެޕްރީލް މަހު ނިންމެވި ނިންމުމާ ގުޅިގެންނެވެ.
އެމެރިކާއިން އެގޮތަށް ނިންމާފައިވަނީ އެ ޤައުމުން އަފްޣާނިސްތާނަށް އެހީވުމަށް އެހީ ފޯރުކޮށްދޭ ޖަމްޢިއްޔާތަކަށް ދޫކޮށްފައިވާ 562 މިލިޔަން އެމެރިކާ ޑޮލަރުގެ ތެރެއިން 10.9 މިލިޔަން އެމެރިކާ ޑޮލަރު ޓެކުހާއި ފީއާއި ޑިޔުޓީގެ ގޮތުގައި ޠާލިބާން ސަރުކާރަށް ދައްކާފައިވާ ކަމަށް ބުނެއެވެ. މި ނިންމުމުގެ ސަބަބުން ޔޫއެސްއެއިޑް މެދުވެރިކޮށް އަފްޣާނިސްތާނަށް ފޯރުކޮށްދެމުންދިޔަ އެހީތެރިކަން ވަނީ ނިމުމަކަށް އައިސްފައެވެ.
ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެމެރިކާއިން ފޯރުކޮށްދޭ އެހީތެރިކަން ޠާލިބާނުންނާ ހަމައަށް ނުފޯރާނެކަން ޔަޤީން ކުރެއްވުމަށް ޓްރަމްޕް ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ. އަދި އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުން ނިމުމަކަށް ގެނައުމުގެ ސިޔާސަތު ބަދަލުކުރުމަށް އެމެރިކާއިން ބޭނުމެއް ނުވާކަން ވެސް އެ އޮފިޝަލު ފާހަގަކުރެއްވިއެވެ.



