ޣައްޒާއަށް އަމާޒުކޮށް އިސްރާއީލުން ހަމަލާތައް ދެމުންދާއިރު، މިފަދަ ހާލަތެއްގައި އާދީއްތަ ދުވަހު، ހަމާސްއިން ހަތިޔާރު ބެހެއްޓުމަށް އިސްރާޢީލުން އަނެއްކާވެސް ގޮވާލައިފިއެވެ.
ޖެރޫސަލަމްގައި ނޫސްވެރިންނާ ވާހަކަދައްކަމުން އިސްރާއީލުގެ ފޮރިން މިނިސްޓަރު ގިޑިއަން ސާރު ބުނީ، ހަމާސްއިން ޣައްޒާގައި ހިފަހައްޓާފައި ތިބި ރަހީނުން ދޫކޮށްލައި، ހަތިޔާރު ބަހައްޓައިފިނަމަ، މި ހަނގުރާމަ ވަގުތުން ނިމުމަކަށް ގެނެވިދާނެ ކަމަށެވެ.
"މި މަޤްޞަދު ސިޔާސީ ގޮތުން ހާސިލުކުރުމަށް އަޅުގަނޑުމެން ވަރަށް އުފަލާއެކު ތިބޭނަން،" ޔަހޫދީން ފޮރިން މިނިސްޓަރު ބުންޏެވެ.
އޭނާގެ ވާހަކަތަކަށް ރައްދު ދެމުން ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ބަސެމް ނައިމް ރޮއިޓަރސްއަށް ވިދާޅުވީ، އިސްރާއީލުން ހަނގުރާމަ ހުއްޓާލައި، ޣައްޒާއިން ފައިބައިފިނަމަ، ހުރިހާ ރަހީނުން ދޫކޮށްލާނެ ކަމަށެވެ. ނަމަވެސް ހަތިޔާރު ނުބަހައްޓާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ އުސް ދެ އިމާރާތެއް ވަނީ ވެއްޓިފައެވެ. މި އިމާރާތްތަކުގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުން ވަނީ ހިމާޔަތް ހޯދަމުން ގޮސްފައެވެ. އިސްރާއީލުގެ ސިފައިން ބުނާ ގޮތުގައި މި އިމާރާތްތައް ބޭނުންކުރަމުން ގޮސްފައިވަނީ ހަމާސްއިންނެވެ. އަދި ހަމަލާ ދިނުމުގެ ކުރިން އާންމުންނަށް އިންޒާރު ދީފައިވާ ކަމަށްވެސް އެފަރާތުން ބުނެއެވެ.
އޮކްޓޯބަރު 7، 2023 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި 1،200 މީހުން މަރުވެ، 251 މީހުން ރަހީނުންގެ ގޮތުގައި ޣައްޒާއަށް ގެންދެވުނެވެ. މިހާރު ޣައްޒާގައި ތިބީ 48 ރަހީނުންނެވެ. އޭގެ ތެރެއިން 20 މީހުން ދިރި ތިބިކަމަށް އިސްރާއީލުގެ އޮފިޝަލުން ޤަބޫލުކުރެއެވެ.



