ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް)ގެ އައު އޮފީސް އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. އެކުންފުނީގެ ތާރީޚުގައި މުހިންމު މަރުހަލާއެއް ފަށައިގަތުމުގެ ގޮތުން ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.
އައިލެންޑް އޭވިއޭޝަންގެ އައު އޮފީސް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދުގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ އިސް ވެރިންނާއި ބޯޑު މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އައިލެންޑް އޭވިއޭޝަނުން ފާހަގަކުރެއްވި ގޮތުގައި މިއީ 25 އަހަރުގެ ދިގު އިންތިޒާރަކަށްފަހު އައި އުފާވެރި ދުވަހެކެވެ. މިހާރު އެ ކުންފުނީގެ އެކި ޑިޕާޓްމަންޓުތައް މާލޭގެ 5 އިމާރާތެއްގައި ހިންގަމުންދާތީ، ކުލީގެ ގޮތުގައި ބޮޑު ޚަރަދެއް ކުރަންޖެހޭކަން އެ ކުންފުނިން ފާހަގަކުރެއްވިއެވެ. "އައު އޮފީސް އިމާރާތާއެކު މާލޭގައި ހިންގާ ޑިޕާޓްމަންޓުތަކާއި، އެއަރޕޯޓުގައި ޤާއިމްކުރެވިފައިވާ ބައެއް ޑިޕާޓްމެންޓުތައްވެސް އެއް ފުރާޅެއްގެ ދަށަށް ގެނެވި، މާލީ ގޮތުން ކުންފުންޏަށް ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ" ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
ޗައިނާގެ ހުނާން ނަންބަރ 6 އިންޖިނިއަރިންގ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އެޅޭ އިމާރާތުގެ ބިމުގެ ބޮޑުމިނަކީ 4,745 އަކަފޫޓެވެ. ބޭސްމަންޓް ހިމެނޭގޮތަށް 12 ފަންގިފިލާގެ މި އިމާރާތުގެ ބޭސްމަންޓް ޚާއްސަކުރެވިފައިވަނީ މުވައްޒަފުންގެ ޕާކިންގއަށެވެ. އަދި ފުރަތަމަ ފަންގިފިލާގައި ޓިކެޓް އޮފީހެއް ޤާއިމްކުރެވިގެންދާނެއެވެ.
ޒަމާނީ ވަސީލަތްތަކާއެކު ތަނަވަސް ޖާގައެއް ލިބިގެންދާނެ މި އިމާރާތުގެ މަސައްކަތް 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ނިންމުމަށް ވަނީ ރޭވިފައެވެ. މި އިމާރާތް ނިމުމުން ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާވެ، ކަސްޓަމަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ފާހަގަކުރައްވާފައެވެ.



