11 ޑިސެންބަރު 2025
"ސެޓްފިކްޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރެއިނިންގ" ނިންމުން ފާހަގަކުރުމަށް ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، ފޮޓޯ: ކަރެކްޝަން

ފައިސާގެ ދަހިވެތިކަމުގައި ޔުނީފޯރމް ވިއްކާނުލާތި: ޒަރީރު

ފައިސާގެ ދަހިވެތިކަމުގައި ޔުނީފޯރމް ވިއްކާނުލުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ކަރެކްޝަންސް އޮފިސަރުންނަށް އިލްތިމާސްކުރައްވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރިއަށްގެންދާ "ސެޓްފިކްޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރެއިނިންގ" ނިންމުން ފާހަގަކުރުމަށް ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވީ ދަސްވެނިވުމުގެ ރަސްމިއްޔާތަކީ ތަމްރީނެއްގެ ނިމުން ނޫން ކަމަށާއި އެއީ މުހިންމު ވާޖިބެއް އަދާކުރަން ފެށުން ކަމަށާއި ކަރެކްޝަނަލް އޮފިސަރުން ޚިދުމަތްކުރަނީ ސަލާމަތާއި ތަރުބިއްޔަތާއި އިންސާފުގެ ބެލެނިވެރިންގެ ގޮތުގައި ކަމަށެވެ.

ކޮމިޝަނަރ ވަނީ ފައިސާގެ ދަހިވެތިކަމުގައި ޔުނީފޯރމް ވިއްކާނުލުމަށާއި ވަޒީފާގައި އުޅޭއިރު އިސްލާމް ދީނާއި ޤައުމިއްޔަތަށް ލޯބިކުރާ ބަޔަކަށް ވުމަށް ކަރެކްޝަންސް އޮފިސަރުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި ކޯހުގައި އުގަންނާ ދެއްވި އެއްޗެހީގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފައި، ޤައިދީން ރިހެބިލިޓޭޓްކުރުމަށް މަސައްކަތްކުރުމަށްވެސް އިލްތިމާސްކުރެއްވިއެވެ.

ކަރެކްޝަންސް އޮފިސަރުންނަށް މައިގަނޑުގޮތެއްގައި ޙަވާލުކޮށްފައިވާ މަސްޢޫލިއްޔަތުތަކަކީ ކަރެކްޝަންސްގެ އޮފީސްތަކާއި ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ބެލެހެއްޓުމާއި ޖަލުތަކުގައި ޤައިދުކުރެވިފައިވާ ފަރާތްތަކުގެ އިންސާނީ ކަރާމަތާއި ލިބިގެންވާ އެންމެހާ ޙައްގުތައް ޤާއިމުކޮށް ބެލެހެއްޓުން ކަމަށްވެސް ވިދާޅުވިއެވެ.

ކަރެކްޝަންސް އޮފިސަރުންގެ ބޭސިކް ޓްރެއިނިން ކޯހުގައި 27 ބައިވެރިން ބައިވެރިވިނަމަބެސް ކޯސް ފުރިހަމަ ކުރީ 22 ދަރިވަރުންނެވެ. މިއީ މި ކޯހުގެ ފުރަތަމަ ބެޗެވެ. ޖަލު އޮފިސަރުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތާއި ވާޖިބުތަކާއި އަދި ހުނަރު ދަސްކޮށްދިނުމަށް ހިންގާ ކަރެކްޝަންސްއާ އަލަށް ގުޅޭ އޮފިސަރުން ފުރިހަމަ ކުރަންޖެހޭ އަސާސީ ތަމްރީން ޕްރޮގުރާމެކެވެ.

އާދީއްތަ ދުވަހުގެ ރޭ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމާއި، ހަޔަރ ޑިސްޓިންކްޝަން އާއި ވަނަތައް ހާސިލްކުރި ފަރާތްތަކަށް މެޑަލް އާއި ޕްލާކްވަނީ އަރުވާފައެވެ. މި ޕްރޮގްރާމްގެ ބެސްޓް އޯލް ރައުންޑަށް ޕްރިޒަން ޕްރައިވެޓް އިބްރާހިމް ނަސީރު ހޮވިފައިވާއިރު، ޕްރޮގްރާމްގެ "ފިޓަސްޓް އަންހެން އަދި ފިރިހެން" އޮފިސަރުންނަށް ހޮވިފައިވަނީ ޕްރިޒަން ޕްރައިވެޓް ޝަހުމަދު ޝަމީމް އާއި ޕްރިޒަން ޕްރައިވެޓް އާއިޝަތު އިމްޝާ އަރީފްއެވެ. އަދި އެންމެ މޮޅު ޕްލެޓޫނަކަށް ހޮވިފައިވަނީ އައިވަރީ ޕްލެޓޫންއެވެ.

ދަސްވެނިވި ހުރިހާ ފަރާތްތަކަށް ޕްރިޒަން އޮފިސަރުންގެ ހުވާ ލާދެއްވީ، ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޝިފްނާ އަޙްމަދު ޞާދިޤެވެ. ހަތަރު މޮޑިއުލްގެ މައްޗަށް ބިނާކޮށްފައިވާ ކަރެކްޝަނަލް އޮފިސަރުން ތަމްރީނުކުރުމުގެސެޓްފިކެޓް ލެވަލް އެކެއްގެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވަލް 1ގެ ސަނަދު ފެންވަރަށް ފަރުމާކޮށް ތައްޔާރު ކޮށްފައިވާ ކޯހެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު