11 ޑިސެންބަރު 2025
ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމްޝަރީފް އުމަރު، ފޮޓޯ: ޕީއެސްއެމް ނިއުސް

އަތޮޅު އުވާލަނީކަމަށް ބުނެ ދައްކަނީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް؛ އަތޮޅުތަކުގެ އިދާރީ މަސައްކަތް ކުރާނެ: ވަޒީރު

ރާއްޖޭގެ އަތޮޅުތައް އުވާލަނީކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށް ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމްޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ސަރުކާރުން އަތޮޅު އުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނ، ދައުލަތުގެ މީޑިޔާ، ޕީއެސްއެމް ނިއުސްއަށް މައުލުމާތު ދެއްވަމުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އެއީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށާއި އެއީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށެވެ.

އިދާރީދާއިރާތައް ހިންގުމާއި ބެހޭ ވަޒީރު ވިދާޅުވީ އަތޮޅު ކައުންސިލްތަކުން ރަށްރަށަށް އިދާރީ ގޮތުން ދޭންޖެހޭ އެހީތެރިކަމެއް ފިޔަވައި ކުރަން މާބޮޑު ކަމެއް ނޯންނަ ކަމަށެވެ. އެއީވެސް ލާމަރުކަޒީ ނިޒާމަށް އިތުރުވާ ލޭޔަރެއްކަމަށާއި ސަރުކާރުން ބޭނުންވަނީ މިހާރު އަތޮޅު ކައުންސިލް އޮންނަ ގޮތް ބަދަލުކުރެއްވުމަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަމުން ގެންދެވީ މިހާރު އެ އޮތް ކޮމްޕޮޒިޝަން އެ އޮތްގޮތަށް އަތޮޅު ކައުންސިލްތައް ނޯންނާނެ ވާހަކަ. އެހެންނަމަވެސް އެނގިވަޑައިގަންނަވާނެ ފަދައިން ގުދުރަތީގޮތުންވެސް ރާއްޖޭގެ އަތޮޅުތައް އުފެދިފައި އޮތްގޮތުންނާއި އޭގެ ޒާތުގައި މަސައްކަތް ކުރެވިގެންދާ ތަރުތީބުތަކަށް ބަލާއިރުގައިވެސް ކޮންމެ އަތޮޅެއްގައިވެސް އިދާރީގޮތުން ކުރެވޭ މަސައްކަތްތައް ކޮންމެވެސް ސިފައެއްގައި އިންތިޒާމް ކޮށްގެން ހިނގާނެ ގޮތްތަކެއް ރޭވިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ފެށިގެންއައިރު އެމްޑީޕީގެ ވެރިކަމުގައި ޕްރޮވިންސްތައް ހެދުމުގެ ނަތީޖާއަކަށްވީ ނިޒާމުގެ ތެރެެއަށް ލޭޔާއެއް އިތުރުވެ، އެކި ކަންކަމުގައި މާލެއަށް ބަރޯސާވުން ބޮޑުވުން ކަމަށެވެ. އެހެންވެ، އަތޮޅު ކައުންސިލް އޮންނަންޖެހޭ ގޮތް ބަދަލުކޮށް، ކޮންމެ ރަށަކުން އެރަށެއްގެ ތަރައްގީއަށް އިންތިޚާބުކުރާ ކައުންސިލަރުން އަތޮޅު ކައުންސިލްގައިވެސް ހިމެނުމަކީ އެ ކައުންސިލަރުންގެ ޒިންމާ އިތުރުވާ ކަމެއް ކަމަށާއި އެއީ ޤާނޫނާވެސް ފުށުއަރާ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވުޒާރާތަކުގައި ޕަރމަނަންޓް ސެކްރެޓަރީން ތިއްބަވާގޮތަށް ޢިލްމީ ގާބިލު ބޭފުޅުން އަތޮޅުތަކުގެ އިދާރީ މަސައްކަތް ކުރުމުގައި ތިބެންޖެހޭ ކަމަށް އަމިއްލަފުޅަށް ގަބޫލުކުރައްވާ ކަަމަށާއި، މި ބޭފުޅުން އައްޔަން ކުރަންވާނީ ސިވިލް ސަރވިސްގެ ތެރެއިން ކަމަށާއި އެ ބޭފުޅަކު ނެރޭ ނަތީޖާއަށް ބަލައި ފަސް އަހަރަށްވުރެ ދިގު މުއްދަތަކަށްވެސް އައްޔަން ކުރައްވަން ފެނިވަޑައިގަންނަވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮންނަ ކައުންސިލެއް ނޫންކަމަށާއި އެހެންވެ ޤާނޫނު އަސާސީއަށް އިސްލާޙު ގެނެސް އަތޮޅު ކައުންސިލް އުވާލުމަށް ނިންމަވާފައިވާކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު