މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހުޅުވާފައިވާ އައިނު ފިހާރަތަކުން ދޮޅުމަސް ނުވަނީސް 3200 މީހުން ޚިދުމަތް ހޯދާފައިވާ ކަމަށާއި، މިހާތަނަށް 2000 އައިނު ހިލޭ ހައްދައިދީފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިޔާ، ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވި ގޮތުގައި އައިޖީއެމްއެޗްގައި ޖުލައި 27 ގައި ހުޅުވި އައިނު ފިހާރައިން މިހާތަނަށް 1080 ފަރާތަކަށް އައިނު ހަވާލުކޮށްފައިވެއެވެ. އަދި 900 އަށްވުރެ ގިނަ އައިނު ނިންމާފައިވާއިރު، އަދި ވެރިފަރާތުން ހަވާލުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެނަށް އެނގޭ ރައްޔިތުން ބޭނުން ޚިދުމަތެއްކަން މިއީ، އެކަމަކު އަޅުގަނޑުމެން އުއްމީދެއް ނުކުރަން މިހާބޮޑަށް ރައްޔިތުން މިކަމަށް ބޭނުންޖެހިފައިވާކަމެއް،" ސީއީއޯ ވިދާޅުވިއެވެ.
އައިނު ހެއްދުމަށް އޮތް ބޮޑު ޑިމާންޑާއެކު އައިޖީއެމްއެޗްގެ އައިނު ފިހާރައަށް އިތުރު މެޝިނެއް ގެނެސްފައިވާ ކަމަށާއި، މިހާރު ދުވާލަކު 35 އާއި 40 އާ ދެމެދުގެ އަދަދަކަށް އައިނު ހަދަމުންދާއިރު، އާ މެޝިނާއެކު މި އަދަދު ދެގުނައަށް އިތުރުވެގެންދާނެ ކަމަށް ވެސް ސީއީއޯ ވިދާޅުވިއެވެ.
ރައްޔިތުން އައިނު ހައްދަން ހޭދަކުރާ ބޮޑު ޚަރަދުތަކަށް ލުޔެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް، މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތަކެއްގައި އައިނު ފިހާރަ ހެދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ސީއީއޯ ފާހަގަކުރެއްވިއެވެ.



