މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މަންތްލީ ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ރާއްޖެއަށް ދަތުރުކުރި ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ އަދަދު 5 އިންސައްތަ އިތުރުވެފައިވެއްޖެއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ރާއްޖެއަށް 10،187 ބައިނަލްއަޤްވާމީ ފްލައިޓް އައިސްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އައީ 9،698 ފްލައިޓެވެ.
ޝެޑިއުލްކޮށްގެން ރާއްޖެއަށް އަންނަ ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ އަދަދުވެސް ވަނީ 5.5 އިންސައްތަ އިތުރުވެފައެވެ. މިގޮތުން މިއަހަރުގެ ފުރަތަމަ 7 މަހު 9،358 ޝެޑިއުލް ފްލައިޓް އައިސްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އައީ 8،866 ފްލައިޓެވެ.
ނަމަވެސް ޗާޓަރ ފްލައިޓްތަކާއި ޕްރައިވެޓް ޖެޓްތައް ހިމެނޭ ޖެނެރަލް ފްލައިޓް މޫވްމަންޓްސް ވަނީ ކުޑަކޮށް ދަށްވެފައެވެ. މިއަހަރުގެ ފުރަތަމަ 7 މަހު މިބާވަތުގެ 829 ފްލައިޓް އައިއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އައީ 832 ފްލައިޓެވެ.
ފްލައިޓްތަކުގެ އަދަދު އިތުރުވެފައިވަނީ ގިނަ އެއަރލައިންތަކަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަމުން ދިއުމާ ގުޅިގެންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް ވަނީ 9.7 އިންސައްތަ އިތުރުވެ، 1.5 މިލިއަނަށް އަރާފައެވެ.



