11 ޑިސެންބަރު 2025
ރައީސް މުޢިއްޒުގެ ކެބިނެޓް ބައްދަލުވުމެއްގައި، ފޮޓޯ: ރައީސް އޮފީސް

ޖުޑިޝަރީގެ މާލީ މިނިވަންކަން ކަށަވަރުކޮށްދިނުމަށްޓަކައި ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ޖުޑިޝަރީއަށް

ޖުޑިޝަރީ މިނިވަންކަމާއެކު ހިންގުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބިގެންދިއުން ކަމަށާއި، އެކަމަށް މަގުފަހިކުރުމަށްޓަކާ، އަންނަ އަހަރުގެ ބަޖެޓުން ފެށިގެން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޖުޑީޝަރީއަށް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާ މެދުވެރިކުރައްވައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި، މި މަޤްޞަދު ޙާޞިލުކުރެއްވުމަށްޓަކައި، ޖުޑިޝަރީއަށް މާލީ އަދި އިދާރީ މިނިވަންކަން ހޯދައިދިނުމަށް، އަންނަ އަހަރުން ފެށިގެން ފާހަގަކުރެވޭ ބަދަލުތަކެއް ގެންނެވުމަށް ކެބިނެޓުގައި އިއްޔެ މަޝްވަރާކުރައްވައި، މިގޮތަށް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެގޮތުން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޖުޑިޝަރީއަށް ކަނޑައަޅައި، އެ ފައިސާ ވަކި އުސޫލެއްގެ ދަށުން ބޮލޮކް ގްރާންޓުގެ ގޮތުގައި ދޫކުރުމަށް ނިންމަވާފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ޖުޑިޝަރީއަށް ފުރިހަމަ މާލީ މިނިވަންކަން ދިނުމަށްޓަކައި އެކުލަވާލެވޭ ނިޒާމެއްކަމަށާއި، މި ނިޒާމުގެ ދަށުން، ޖުޑިޝަރީއަށް ލިބޭ ފައިސާ ޚަރަދުކުރުމުގެ ފުރިހަމަ އިޚްތިޔާރު، ލިބިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އަދި ބަޖެޓުން ކަނޑައެޅޭ މި އިންސައްތައަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންގތަކަށްވުރެ ބޮޑު ޢަދަދެއް ލިބިގެންދާނޭ އިންސައްތައެއް ކަމުގައި ކަނޑައެޅުމަށް ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން ފެށިގެން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޖުޑިޝަރީއަށް ކަނޑައެޅުމަށްޓަކާ ޤާނޫނީގޮތުންނާއި، ފަންނީ ގޮތުންނާއި، ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު