11 ޑިސެންބަރު 2025
ނޭޕާލުގައި ސޯޝަލް މީޑިއާ ބްލޮކް ކުރުމާ ގުޅިގެން ހިނގި އިހުތިޖާޖުގެ ތެރެއިން، ފޮޓޯ: ރޮއިޓަރސް

ނޭޕާލުގެ ވަގުތީ ވެރިޔަކު އައްޔަނުކުރުމަށް މަޝްވަރާކުރަނީ

ނޭޕާލުގައި ޒުވާނުން އިސްވެ ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ހިނގި ބޮޑެތި ހަމަނުޖެހުންތަކުގައި އެ ޤައުމުގެ ސަރުކާރު ވެއްޓިފައިވާއިރު، އެ ޤައުމު ހިންގުމާ ޙަވާލުވާނެ ވަގުތީ ވެރިޔަކު ޢައްޔަނުކުރުމަށް މުޒާހަރާގެ އިސް ބައިވެރިންނާއެކު އަސްކަރިއްޔާއިން މަޝްވަރާ ކުރަމުންދާކަމަށް، އަސްކަރިއްޔާގެ ތަރުޖަމާނު ރާޖާ ރާމް ބަސްނަތު ވިދާޅުވެއްޖެއެވެ.

މީސްމީޑިޔާގެ ބައެއް މަންސަތައް މަނާކުރުމުން މުޒާހަރާތައް ހޫނުވެގެން ދިޔައިރު، އެ ނިންމުން ސަރުކާރުން ވަނީ ބާޠިލްކޮށްފައެވެ. މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ކަރުނަ ގޭހާއި ރަބަރު ވަޒަން ބޭނުންކުރި ނަމަވެސް، ހިނގި ހަމަނުޖެހުންތަކުގައި 30 މީހުން މަރުވެ، 1،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް ސަރުކާރުން ކާފިއު އިޢުލާނުކުރި ނަމަވެސް، މުޒާހަރާގެ ބައިވެރިން އެއްވުންތައް ކުރިއަށް ގެންދިޔުމުގެ ސަބަބުން ބޮޑުވަޒީރު ކޭޕީ އޯލީ ޝަރްމާއަށް އިސްތިޢުފާ ދެއްވަން މަޖުބޫރުވިއެވެ. ވެރިރަށް ކަތުމަންޑޫގައި އަމަން ބެލެހެއްޓުމަށް ސިފައިން މަގުތަކަށް ނުކުމެ ފޯރިމަރަމުންދާއިރު، ހަމަނުޖެހުންތައް މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފައެވެ.

މުޒާހަރާގެ ގިނަ އިސް ބައިވެރިން ބޭނުންވަނީ އެ ޤައުމުގެ ކުރީގެ އުއްތަމަ ފަނޑިޔާރު، ސުޝިލާ ކަރްކީ (73) އިންތިޤާލީ ބޮޑުވަޒީރުގެ ގޮތުގައި ޢައްޔަނު ކުރުމަށެވެ. ނަމަވެސް، ޤާނޫނުއަސާސީގެ ދަށުން އޭނާ އެ މަޤާމަށް ޢައްޔަނުކުރެވޭނެ ގޮތެއް އޮތްތޯ ބަލަމުންދާ ކަމަށް ބުނެފައިވެއެވެ.

ރޮއިޓަރސްއިން ބުނެފައިވާ ގޮތުގައި މުޒާހަރާގެ އިސް ބައިވެރިން ބޭނުންވަނީ އެންމެންނަށް ވެސް އިއްތިފާގުވެވޭ ނަމެއް އަސްކަރިއްޔާއަށް ހުށަހެޅުމަށެވެ. އަދި އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވެފައިވަނީ މިއަދުވެސް މުޒާހަރާގެ އިސް ބައިވެރިންނާއެކު މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ.

ހަމަނުޖެހުންތަކަށްފަހު، ކަތުމަންޑޫގައި ފިހާރަތަކާއި ސްކޫލްތަކާއި ކޮލެޖުތައް އަދިވެސް ބަންދުކޮށްފައިވީނަމަވެސް، ބައެއް އަސާސީ ޚިދުމަތްތައް ވަނީ އަލުން ރުޖޫޢަކޮށްފައެވެ. އަދި ކަތުމަންޑޫގެ މައި އެއަރޕޯޓުވެސް ބައިނަލްއަޤުވާމީ ދަތުރުތަކަށް މިހާރު ހުޅުވާލެވިފައިވާކަމަށް އެއަރޕޯޓުގެ އޮފިޝަލަކު ވަނީ ހާމަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު