ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އާ ވެބްސައިޓު އިފްތިތާޙްކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ވެބްސައިޓު އިފްތިތާޙްކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މިއަދު އިފްތިތާޙް ކުރެވިގެންދިޔަ އާ ވެބްސައިޓަކީ މިހާތަނަށް ޤުރުއާނާއި ބެހޭ މަރުކަަޒަށް ހެދިގެންދިޔަ އެންމެ ފެންވަރު ރަނގަޅު، އާއްމުންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާ ވެބްސައިޓެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މި ވެބްސައިޓު މެދުވެރިކޮށް ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ކުރިއަށް ގެންދާ ކޯސްތަކާއި، މަރުކަޒުން ބާއްވާ ޤުރުއާން މުބާރާތްތަކުގެ އެންމެ ފަހުގެ އަދާހަމަތައް ބަލާލެވެނޭއެވެ. މީގެ އިތުރުން މަރުކަޒުގެ ޚަބަރާއި މަޢުލޫމާތު މި ވެބްސައިޓުގެ ޒަރިއްޔާއިން އާއްމުންނަށް ތާޒާކަމާއެކު ގެނެސްދެވިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.
ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އާ ވެބްސައިޓް އިފްތިތާޙް ކުރުން. މި ވެބްސައިޓު އިފްތިތާޙްކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު. pic.twitter.com/DSQuAdSXI7
— Ministry of Islamic Affairs (@MVIaffairs) September 11, 2025
ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ކުރަމުންދާކަމެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު ރަނގަޅުކުރުމާއި ޙާފިޡުންގެ ދަސްވެނިވުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވަން ފެށުމަކީ މިހާތަނަށް ކުރެވިފައިވާ މުހިއްމު މަސައްކަތްތަކެކެވެ.



