11 ޑިސެންބަރު 2025
އުނގޫފާރުގައި ހިންގުނު މެޑިކަލް ކޭމްޕުގެ ތެރެއިން، ފޮޓޯ: އައިޖީއެމްއެޗް

ސްޕެޝަލިސްޓުން ރަށްރަށަށް ޒިޔާރަތްކޮށް، އައުޓްރީޗް ޕްރޮގްރާމުން 900 އަށްވުރެ ގިނަ ބަލިމީހުންނަށް ފަރުވާދީފި

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ރާއްޖޭގެ 4 ސަރަޙައްދެއްގައި ކުރިއަށްގެންދިޔަ އައުޓްރީޗް ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 969 ބަލިމީހުން ބަލައި، 86 އަށްވުރެ ގިނަ ސަރޖަރީ ހަދާފައިވާކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފިއެވެ.

މި ޕްރޮގްރާމްގެ ދަށުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ޚާއްޞަ މެޑިކަލް ކޭމްޕްތައް ބޭއްވިއެވެ. މިއީ މާލެއަށް ނައިސް ރަށުގައި ތިބެގެން ސްޕެޝަލިސްޓުންގެ އެހީތެރިކަމާއެކު ސިއްޙީ ފަރުވާ ލިބިގެންދިޔަ ފަރާތްތަކެވެ.

"އަޅުގަނޑުމެންގެ ފޯކަސް މިއިންނަނީ ހަމައެކަނި ޑޮކްޓަރުން ވަޑައިގެން ސަރޖަރީތައް ހަދާލުމަކަށް ނޫން. އަދި އޯޕީޑީ ކޮންސަލްޓޭޝަންއަކަށްވެސް ނޫން. އެބޭފުޅުންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް އެބައޮވޭ، އެސަރަޙައްދުތަކުގެ ހޮސްޕިޓަލްތަކުގެ ކެޕޭސިޓީ އިތުރުކުރުން." މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ރީޖަނަލް ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާއި ނަރުހުންނަށް ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، ހޮސްޕިޓަލްތަކުގެ މެނޭޖްމަންޓުތަކާއެކު މަޝްވަރާކޮށް، އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބަލައި، ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް ސީއީއޯ ފާހަގަކުރެއްވިއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ލިބެން ނެތް ސިއްޙީ ޚިދުމަތް ހޯދުމަށް އެތައް ބަޔަކު މާލެއަށް ދަތުރުކުރަމުންދާއިރު، މި ޕްރޮގްރާމްގެ ސަބަބުން ރައްޔިތުންނަށް މާލެ ނައިސް ސިއްޙީ ފަރުވާ ރަށުގައި ތިބެގެން ލިބުމުގެ އިތުރުން ހޮސްޕިޓަލްތައްވެސް އިތުރަށް ތަރައްޤީވަމުންދާކަމަށް ސީއީއޯ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު