11 ޑިސެންބަރު 2025
ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް

މީޑިއާ ބިލު ފާސްވިޔަސް ސޯޝަލް މީޑިއާ ބަންދެއް ނުވާނެ: ފަލާހު

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން" ބިލު ފާސްވިޔަސް ސޯޝަލް މީޑިއާ ބަންދެއް ނުވާނެ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

މި ބިލާ ގުޅޭގޮތުން ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވެފައިވަނީ، "ފޭސްބުކް، ޓިކްޓޮކް އަދި ޓްވިޓަރ ފަދަ ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއް ބަންދުކުރެވޭނެ ފަދަ އެއްވެސް މާއްދާއެއް މި ބިލުގައި ނެތް" ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ރައްޔިތުން ކަންބޮޑުވާން ނުޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފަލާހު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ރައްޔިތުންގެ މުސްތަޤުބަލު އުޖާލާކޮށް ރައްކާތެރިކޮށްދޭނެ ހެޔޮލަފާ ވެރިއެކެވެ. އަދި ޒުވާނުންނާއި ރައްޔިތުންނަށް ކުރިއަށް އޮތްތަނުގައިވެސް ސޯޝަލް މީޑިއާ ބޭނުންކުރެވޭނެ ކަމަށް އެމަނިކުފާނު ޔަގީންކަން ދެއްވިއެވެ.

އެމްޑީޕީއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ، އެމްޑީޕީން މިހާރު މުޒާހަރާތަކަށް ގޮވާލަމުންދަނީ މިދިޔަ ވެރިކަމުގައި އެމްޑީޕީގެ ނުފޫޒުގަދަ ފަރާތްތަކުން ކޮށްފައިވާ ވައްކަންތަކުގެ މައްސަލަތައް ބެލެން ފެށުމާ ގުޅިގެން ކަމަށެވެ.

ފަލާހު ވަނީ ޒުވާނުންނަށް އިލްތިމާސްކުރައްވާފައިވެއެވެ. އެގޮތުން އެމަނިކުފާނު ގޮވާލެއްވީ ނޫސްވެރިކަމުގެ ތާޖު އަޅައިގެން ތިބި އެމްޑީޕީގެ އެކްޓިވިސްޓުންތަކެއްގެ މަޅީގައި ނުޖެހުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު