ރާއްޖޭގައި އީކޮމާރސްއާއި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން އަލީބާބާއާ ގުޅިގެން ބާއްވާ އޮންލައިން ވޯކްޝޮޕްގައި ބައިވެރިވުމަށް މިހާތަނަށް 260އަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީވެފައިވާކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ދުނިޔޭގެ ނަން މަޝްހޫރު އީކޮމަރސް ޕްލެޓްފޯމްތަކާއެކު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ މި ވޯކްޝޮޕް އޮންނާނީ މިމަހުގެ 16ވަނަ ދުވަހު ބާސެލޯ ނަސަންދުރާގައެވެ. އަތޮޅުތެރޭގެ ވިޔަފާރިވެރިންނަށް މި ވޯކްޝޮޕްގައި އޮންލައިންކޮށް ބައިވެރިވެވޭނެއެވެ.
އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ސިޔާޒް ވިދާޅުވެފައިވަނީ، ރާއްޖޭގެ ވިޔަފާރިތަކަށް އަލީބާބާ ޑޮޓް ކޮމްގެ ޕްލެޓްފޯމްގައި އެފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކުމުގެ ފުރުޞަތު ލިބުމަކީ، ރާއްޖެފަދަ ޤައުމަކަށް ލިބޭނެ ބޮޑު ކާމިޔާބީއެއްކަމަށެވެ.
"ދިވެހި ވިޔަފާރިތަކަށް އަލިބާބާގައި ލިސްޓުކުރުމަށް މި ފުރުޞަތު ލިބުނީމަ، މި ލިބެނީ މުޅި ދުނިޔެއަށް ޕްރޮޑަކްޓް ވިއްކުމުގެ ޖާގައެއް. މި ފަދަ ފުރުސަތެއް ލިބުމަކި ރާއްޖެފަދަ ޤައުމަކަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބެއް. ރާއްޖޭގަ ޑިސްޕްލޭ ކޮށްގެން ރާއްޖޭގަ ޝޯ ރޫމް ބަހައްޓައިގެން ފޮޓޯ ޑިޖިޓަލީ ޝޯރޫމްއެއް ކްރިއޭޓް ކޮށްގެން މުޅި ދުނިޔެއަށްއ އެ ފުރުޞަތު އެބައޮތް،" ސިޔާޒު ވިދާޅުވިއެވެ.
ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރާ އީކޮމާރސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލަރ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއްކަމަށާއި، އެ ވަޢުދު ފުއްދެވުމުގެ މަސައްކަތް ސަރުކާރުން އަބަދުވެސް ކުރައްވަމުން އަންނަކަން އިޤްތިސާދީ ތަރައްޤީއާބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.



