މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޮގަސްޓް މަހު އެކުންފުނިން 6،663 ޓީއީޔޫސް ކްލިއަރކޮށްފިއެވެ. މީގެ ތެރޭގައި ހިމެނެނީ 20 ފޫޓުގެ 2،607 ކޮންޓެއިނަރާއި، 40 ފޫޓުގެ 2،028 ކޮންޓެއިނަރެވެ.
ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓް މަހު ކްލިއަރކުރި ކޮންޓެއިނަރުގެ އަދަދު ވަނީ 5.4 އިންސައްތަ އިތުރުވެފައެވެ. ޖުލައި މަހު އެމްޕީއެލްއިން ވަނީ 6،320 ޓީއީޔޫސް ކްލިއަރކޮށްފައެވެ. މީގެ ތެރޭގައި 20 ފޫޓުގެ 2،380 ކޮންޓެއިނަރާއި، 40 ފޫޓުގެ 1،970 ކޮންޓެއިނަރު ހިމެނެއެވެ.
އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު މާލޭ ވިޔަފާރި ބަނދަރުން އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ އަސާސީ ކާބޯތަކެތީގެ ބާވަތްތަކެވެ. މިގޮތުން ބިހުގެ 71،037 ޓަނާއި، ފިޔާގެ 55،581 ޓަނު ކްލިއަރކޮށްފައިވެއެވެ. މީގެ އިތުރުން ކަރާ، އަލުވި، ޓޮމާޓޯ، އަލަނާސި، ކެބެޖު އަދި ދޮންކެޔޮ ފަދަ ތަކެތިވެސް ވަނީ ގިނަ އަދަދަކަށް ކްލިއަރކޮށްފައެވެ.
ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 155 ކޮންޓެއިނަރ ކްލިއަރކޮށްފައިވާއިރު، މިއީ ޖުލައި މަހު ދުވާލަކަށް ކްލިއަރކުރި އެވްރެޖް 145 ކޮންޓެއިނަރާ އަޅާބަލާއިރު 7 އިންސައްތައިގެ އިތުރުވުމެކެވެ.
އެމްޕީއެލްއިން ވަނީ އެކުންފުނީގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. މިގޮތުން ހުޅުމާލެ ޓާމިނަލްގައި އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމްކުރުމަށް ނިންމާފައިވާއިރު، މި ސިސްޓަމް މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ބޭނުންކުރަން ފަށާނެއެވެ.



