ބަންޑާރަނައިބުގެ އޮފީހަކީ ހަމައެކަނި ޤާނޫނީ މުއައްސަސާއެއް ނޫންކަމަށާއި، އެއީ އިންސާފަށާއި، އަދުލަށާއި، ހަމަހަމަކަމަށާއި، ޤާނޫނުގެ ވެރިކަމަށް ޤައުމުން ދޭ އަހައްމިއްޔަތުކަމުގެ ނިޝާނެއްކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަޙްމަދު އުޝާމު ވިދާޅުވެއްޖެއެވެ.
ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަނައިބު އަލްއުސްތާޛު އަޙުމަދު އުޝާމް ވިދާޅުވެފައިވަނީ، ބަންޑާރަނައިބުގެ އޮފީހަކީ ހަމައެކަނި ޤާނޫނީ މުއައްސަސާއެއް ނޫންކަމަށާއި، އެއީ އިންސާފަށާއި، އަދުލަށާއި، ހަމަހަމަކަމަށާއި، ޤާނޫނުގެ ވެރިކަމަށް ޤައުމުން ދޭ އަހައްމިއްޔަތުކަމުގެ ނިޝާނެއް ކަމަށެވެ.
އޭޖީ ވިދާޅުވި ގޮތުގައި، 2008 ވަނަ އަހަރު އައު ޤާނޫނުއަސާސީ ވުޖޫދަށް އައުމާއެކު، ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތައް ކަނޑައެޅި، ބަންޑާރަނައިބަކީ ހަމައެކަނި ސަރުކާރުގެ ޤާނޫނީ ވަކީލަކަށް ވުމުގެ ބަދަލުގައި، ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ރައްޔިތުންގެ ސަލާމަތާއި މަންފާ އަދި އާންމު މިނިވަންކަން ދިފާޢުކުރުމަށް މަސައްކަތްކުރަންޖެހޭ ފަރާތެއްގެ ގޮތުގައި ކަނޑައެޅުނެވެ.
"ނަމަވެސް، މިހާތަނަށް އެއްވެސް ވެރިއަކަށް އެ މިނިވަންކަން މި އޮފީހަށް އޭގެ އެންމެ ފުރިހަމަ މާނައިގައި ދެއްވަން ކެރިވަޑައެއް ނުގެންނެވި. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މި ނިންމެވުމުން ހާމަކޮށްދެނީ އެ މަނިކުފާނުގެ އިޚްލާޞްތެރިކަމާއި، ޤާނޫނުއަސާސީއަށް އެ މަނިކުފާނު ދެއްވާ މަތީ ދަރަޖަ،" އޭޖީ ވިދާޅުވިއެވެ.
އޭޖީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބަންޑާރަނައިބުގެ އޮފީހުގެ ދައުރަކީ ހަމައެކަނި ސަރުކާރަށް ޤާނޫނީ ލަފާ ދިނުމަށްވުރެ މާ ފުޅާ ދައުރެއްކަމަށާއި، މިއީ ދައުލަތުގެ ހުރިހާ ބާރުތަކެއް އޭގެ އެންމެ ފުރިހަމަ މާނައިގައި މަސައްކަތްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއެކެވެ.
މުޖުތަމަޢުގެ ބޭނުންތަކަށް އިޖާބަދޭ، ހާމަކަން ބޮޑު، ޖަވާބުދާރީވާ ޤާނޫނީ ނިޒާމެއް ކުރިއެރުވުމަށް މަސައްކަތްކުރަން ޖެހޭކަމަށާއި، ބަންޑާރަނައިބުގެ އޮފީހަކީ މި އުސޫލުތަކުގެ މަތީގައި ދެމިހުންނާނެ މުއައްސަސާއެއްކަން ކަށަވަރުކުރާނެކަމަށް އޭޖީ ވަނީ ވިދާޅުވެފައެވެ.



