ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލައި ފާސްކުރުމުގެ އިންސްޕެކްޝަންގައި، ހުއްދަ ނެތި ހިންގާ ތަންތަން އައު ޤާނޫނުގެ ދަށުން ބަންދުކޮށް، އެ ތަންތަނުގެ މަޢުލޫމާތު އާންމުކުރާނެ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން މިއަދު ހާމަކޮށްފިއެވެ.
އެފްޑީއޭގެ ސީނިއަރ ޕަބްލިކް ހެލްތް އޮފިސަރ ފާތިމަތު ރަޝީދާ ވިދާޅުވި ގޮތުގައި، މިއީ ކޮންމެ އަހަރަކުވެސް އެ އޮތޯރިޓީން ކުރިއަށްގެންދާ އިންސްޕެކްޝަނެއް ނަމަވެސް، "ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު" އާ ގުޅިގެން މި އަހަރުގެ އިންސްޕެކްޝަން ވަނީ އިތުރަށް ހަރުދަނާ ކުރެވިފައެވެ.
"ޤާނޫނު ވުޖޫދަށް އައުމުން ހުރިހާ ތަނެއް މި ޤާނޫނުގެ ދަށުން ރެޖިސްޓަރ ކުރަންޖެހޭ. އެހެންވީމަ ތަންތަން ގަވައިދާ އެއްގޮތަށް ރެޖިސްޓަރކޮށްފައިވޭތޯ ބަލާނެ. އަދި ރެޖިސްޓަރ ނުކޮށްވާ ތަންތަން ފާހަގަކޮށް ފިޔަވަޅު އަޅާނަން," ފާތިމަތު ރަޝީދާ ވިދާޅުވިއެވެ.
މި އިންސްޕެކްޝަން ގްރޭޓަރ މާލެ ސަރަޙައްދުގައި ކުރިއަށްގެންދަނީ މި މަހުގެ 21 ވަނަ ދުވަހުން 30 ގެ ނިޔަލަށް، މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށީގައެވެ. މި އިންސްޕެކްޝަން ކުރިއަށްގެންދަނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ސިޓީ ކައުންސިލް އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެންނެވެ.
އައު ޤާނޫނުގެ ދަށުން، އިހުމާލުގެ ކުޑަބޮޑުމިނަށް ބަލައި، 10,000 ރުފިޔާއިން ފެށިގެން 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކާބޯތަކެތި އެތެރެކުރުމާއި، ލޭބަލްކުރުމާއި، އުފެއްދުމާއި ވިއްކުމުގެ ޤަވާއިދުތައްވެސް ވަނީ އިތުރަށް ހަރުދަނާ ކުރެވިފައެވެ.



