11 ޑިސެންބަރު 2025

މޫނުބުރުގާ އަޅައިގެން ސިވިލްސަރވިސްގައި ވަޒީފާ އަދާކުރެވޭގޮތަށް ގަވާއިދު އިސްލާހުކޮށްފި

ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް މޫނު ބުރުގާ އެޅޭ ގޮތަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު އިސްލާހުކޮށްފިއެވެ.

މީގެ ކުރިން ގަވާއިދުގައި އޮންނަ ގޮތުން ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތަކަށް ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ ސަބަބުން މޫނު ބުރުގައި އަޅައިގެން ޚިދުމަތްކުރުމުގެ ފުރުޞަތު އޮތީ ބަންދުވެފައެވެ. ނަމަވެސް މިހާރު މި ގެނެވޭ އިސްލާހާއެކު މޫނު ބުރުގާ އަޅައިގެން، ދޭ ޚިދުތަމަކީ ކާކުކަން އެނގެންޖެހޭ ފަދަ ޚިދުމަތެއްނަމަ، ނަމާއި މަގާމު އެނގޭ ގޮތަށް ކާޑެއް ނުވަތަ ޓެގެއް ބޭނުންކުރެވިދާނެއެވެ.

ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް ގެނެސްފައިވާ އައު އިސްލާހުގައިވާ ގޮތުން ސިވިލް ސަރވިސްގެ މުވައްޒަފުން ޚިދުމަތް ދިނުމުގައި ތިބެންވާނީ އެކަށީގެންވާ ހެދުމެއްގައިކަން ބަޔާންކޮށްފައިވެއެވެ. އަދި އެ ޚިދުމަތުގެ ގޮތުން ކާކުކަން އެނގެންޖެހޭ ފަދަ ޚިދުމަތެއް ދޭ މުވައްޒަފުން، އެ މުވައްޒަފުގެ ނަމާއި މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ބޭނުންކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. ސިވިލް ސަރވިސް މުވައްޒަފުންނަށް މޫނު ބުރުގާ އެޅުމުގެ ފުރުޞަތު ފަހިވެގެން ގޮސްފައިވާއިރު، މިފަހުން މޫނު ބުރުގައި އަޅައިގެން ޝަރުޢީ ދާއިރާގައިވެސް މަސައްކަތްކުރެވޭ ގޮތަށް ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު ވަނީ އިސްލާހުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ އިސްލާމް ދީނާ ޚިލާފުނުވާ ގޮތަށް ހެދުން އަޅާނަމަ ވަޒީފާ ދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުމެވެ. އަދި މޫނު ބުރުގާ އަޅާ މީހުންނަށް ވަޒީފާ ނުލިބޭ އުސޫލެއް ނޫނީ ގަވާއިދެއް އޮތްނަމަ، އެ ގަވާއިދެއް ބަދަލު ކުރަންޖެހޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާ އެ މަސައްކަތް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު