ޗައިނާގެ އިތުރު އުފެއްދުންތައް ކޮންޓްރޯލް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕުގެ ސަރުކާރަށް އެ ޤައުމުގެ ޑިމޮކްރެޓިކް މެމްބަރުން ގޮވާލައިފިއެވެ. މިކަމާ ގުޅޭގޮތުން ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް އަދި އެހެނިހެން އިސް ވިޔަފާރި އޮފިޝަލުންނަށް ސިޓީއެއް ފޮނުވާފައިވާކަން ފާހަގަކުރެވެއެވެ.
ޗައިނާއިން މިހާރު އުފައްދަމުންދާ މުދަލުގެ އަދަދު އެޤައުމުގެ އެތެރޭގެ ބޭނުމަށްވުރެ މާބޮޑުތަން އިތުރުވެފައިވާކަމަށް ޑިމޮކްރެޓިކް މެމްބަރުން ވަނީ ފާހަގަކޮށްފައެވެ. އަދި މިގޮތަށް އުފައްދާ މުދާ ބޭރު ޤައުމުތަކަށް ބޮޑެތި އަދަދުތަކުން އެކްސްޕޯޓް ކުރަމުންދިއުމުގެ ސަބަބުން އަގުތައް ވެއްޓި، އެމެރިކާގެ ވިޔަފާރިތަކަށް ނޭދެވޭ އަސަރުކުރަމުންދާކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.
މިވަގުތު ސްޕެއިންގައި ކުރިއަށްދާ މަޝްވަރާތަކުގައި ޗައިނާގެ ވައިސް ޕްރިމިއަރ ހީ ލިފެންގް އާއެކު އެމެރިކާގެ އޮފިޝަލުން ވާހަކަ ދައްކަމުންދާކަން ފާހަގަކުރެވެއެވެ. މި މަޝްވަރާތަކުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައި ހިނގަމުންދާ ޓެރިފް ހަނގުރާމައަށް ދާއިމީ ހައްލެއް ހޯދުމެވެ.
ޑިމޮކްރެޓިކް މެމްބަރުން ފޮނުވި ސިޓީގައި ސްޓީލް އަދި ސޯލާ ޕެނަލް ފަދަ ދާއިރާތަކުގައި ޗައިނާގެ އިތުރު އުފެއްދުންތެރިކަމުގެ ސަބަބުން އެމެރިކާގެ ވަޒީފާތަކަށާއި ސިނާއަތްތަކަށް ލިބެމުންދާ ގެއްލުން ހުއްޓުވުމަށް އެދިފައިވެއެވެ. އަދި މި މައްސަލައަށް ހައްލެއް ހޯދުމުގައި އެމެރިކާގެ އެކުވެރި ޤައުމުތަކާއެކު ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރުމަށްވެސް ގޮވާލާފައިވެއެވެ.



