11 ޑިސެންބަރު 2025
ތުލުސްދޫގައި ހޮސްޕިޓަލް އިމާރާތް އެޅުމަށް ބޭނުންވާ ބިން ސާފުކޮށް ފެންސު ޖެހުމުގެ މަސައްކަތް-ފޮޓޯ: އެމްޓީސީސީ

ތުލުސްދޫ ހޮސްޕިޓަލުގެ އިމާރާތް އެޅުމަށް ބިން ސާފުކޮށް އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

ކ. ތުލުސްދޫގައި ހޮސްޕިޓަލްގެ އިމާރާތް އެޅުމަށް ބޭނުންވާ ބިން ސާފުކޮށް އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

މި މަޝްރޫއުގެ ދަށުން 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި 1،729.12 އަކަފޫޓުގެ ހެލްތް ސެންޓަރުގެ ބްލޮކަކާއި، 238.11 އަކަފޫޓުގެ ސާވިސް ބްލޮކަކާއި، 167.63 އަކަފޫޓުގެ އެކަމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ.

ހޮސްޕިޓަލް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު، މިހާރު ވަނީ ބިން ސާފުކޮށް ނިންމާފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެ ސަރަހައްދުގައި ފެންސު ޖަހައި ސައިޓު ސެޓަޕް ހެދުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.

ހެލްތް ސެންޓަރުގެ ބްލޮކުގައި ޑޮކްޓަރަށް ދައްކާ ކޮޓަރިއާއި، މެޑިކަލް ވޯޑުތަކާއި، ޕްރައިވެޓް ރޫމްތަކާއި، ލެބޯޓްރީއަކާއި، އޮޕަރޭޝަން ތިއޭޓަރަކާއި، ވިއްސާ ކޮޓަރިއަކާއި، އެކްސްރޭ ކޮޓަރިއަކާއި، އަލްޓްރާ ސައުންޑް ކޮޓަރިއަކާއި އިމްޖެންސީ ހިދުމަތްދޭ ޔުނިޓެއްގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓެއް ވެސް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.

މިއީ 101.71 މިލިއަން ރުފިޔާއަށް ސިއްހީ ވުޒާރާއިން އެ ކުންފުންޏާއި ހަވާލުކުރި މަޝްރޫއުއެކެވެ.

އެ މަޝްރޫއުގެ މަސައްކަތް ނިމުމާއިއެކު 1680 މީހުންގެ އާބާދީއެއް ދިރިއުޅޭ ތުލުސްދޫ ރައްޔިތުންނަށް ރަށުގައި ތިބެގެން ފަސޭހަކަމާއެކު ސިއްހީ ފަރުވާ ލިބޭނެ މަގުފަހިވެގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު