އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އަލީބާބާއާ ގުޅިގެން، ރާއްޖޭގައި އީކޮމާސްއާއި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ވޯކްޝޮޕެއް މިއަދު ބާސެލޯ ނަސަންދުރާގައި ފަށައިފިއެވެ. މި ވޯކްޝޮޕްގައި 700 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާއިރު، ރާއްޖޭގެ އެކި ހިސާބުތަކުން އޮންލައިންކޮށްވެސް ވަނީ ބައިވެރިވެފައެވެ.
އަލިބާބާ ޕްލެޓްފޯމުގެ މަތީ ފަންތީގެ ފަރާތްތަކުން މަޢުލޫމާތު ހިއްސާކުރާ މި ވޯކްޝޮޕްގައި، ސެލަރ އެކައުންޓު ހުޅުވުމާއި، ދިވެހިންގެ އުފެއްދުންތައް އަލިބާބާގައި އިސްތިހާރުކޮށް ވިއްކުމުގެ މަޢުލޫމާތުގެ އިތުރުން، "އެ ޕްލެޓްފޯމުގެ އޭއައި މެދުވެރިކޮށް އެންމެ ފަހުގެ ޓްރެންޑުތައް ދެނެގަންނާނެ ގޮތްތައްވެސް ކިޔައިދެވޭނެ" ކަމަށް އިޤްތިޞާދީ ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ.
މި ވޯކްޝޮޕްގައި މޯލްޑިވްސް ޕޯސްޓުން މުދާ ފޮނުވުމާއި ޕޯސްޓް ކުރުމަށް ހުރި ފުރުސަތުތަކުގެ މަޢުލޫމާތު ހިއްސާކުރާއިރު، މާލީ އިދާރާތައް މެދުވެރިކޮށް ވިއްކާ މުދަލަށް ނުވަތަ ދޭ ޚިދުމަތަށް އަގު ހޯދޭނެ ގޮތްތައްވެސް ކިޔައިދެވޭނެއެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް އީކޮމާސް ޕްލެޓްފޯމްކަމަށްވާ އަލީބާބާގެ ޚިދުމަތް 200 އަށްވުރެ ގިނަ ޤައުމަށް ލިބޭއިރު، 40 މިލިއަނަށްވުރެ ގިނަ ވިޔަފާރިވެރިން މި ޕްލެޓްފޯމުގައި ރަޖިސްޓްރީވެފައިވެއެވެ. ދުވާލެއްގެ މައްޗަށް 400،000 އަށްވުރެ ގިނަ އުފެއްދުންތަކުގެ މަޢުލޫމާތު މި ޕްލެޓްފޯމުން ހޯދާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.
ސަރުކާރުން ވިދާޅުވާ ގޮތުގައި ޤައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތައަށް ކްރިއޭޓިވް އިންޑަސްޓްރީ އިތުރުކުރުމަށް ކުރާ މަސައްކަތުގައި، 5900 އަށްވުރެ ގިނަ ބާވަތުގެ މުދާ ވިއްކަމުންދާ އަލީބާބާގެ ޕްލެޓްފޯމަކީ ދިވެހި ވިޔަފާރިތަކަށް ލިބޭ މުހިންމު ފުރުސަތެކެވެ.



