11 ޑިސެންބަރު 2025
"ފްރޮމް މޯލްޑިވްސް ޓު ގްލޯބަލް މާކެޓް" ގެ ނަމުގައި އަލީބާބާއާއެކު ކުރިއަށްގެންދިޔަ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތު، ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އަލީބާބާއާއެކު ކުރެވޭ މަސައްކަތުން ދިވެހި އުފެއްދުންތަކަށް ބައިނަލްއަޤްވާމީ މާކެޓް ހުޅުވިގެންދާނެ: ވަޒީރު ސަޢީދު

އަލީބާބާއާއެކު ކުރަމުންދާ މަސައްކަތްތަކުން ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތަކަށް އާމްދަނީ ލިބޭނެ މަގު ފަހިވެފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، "ފްރޮމް މޯލްޑިވްސް ޓު ގްލޯބަލް މާކެޓް" ގެ ނަމުގައި އަލީބާބާއާއެކު ކުރިއަށްގެންދިޔަ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ މިއީ ރާއްޖެއަށް ތާރީޚީ ދުވަހެއްކަމަށެވެ. އަދި މިއަދު ފެށިގެން މިދިޔައީ ދިވެހިންގެ އުފެއްދުންތައް މުޅި ދުނިޔެއަށް ފޯރުކޮށްދިނުމުގެ މަސައްކަތްކަމަށާއި، މި މަސައްކަތް ފެށިގެން މިދަނީ ރާއްޖެއިން ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ވޯކްޝޮޕްގައި 600 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އޭގެ ތެރޭގައި މިހާރުވެސް ވިޔަފާރީގައި މަސައްކަތްކުރާ 250 ފަރާތް ހިމެނޭއިރު، އޮންލައިންކޮށް ބައިވެރިވާ ފަރާތްތަކާއެކު މި އަދަދު އިތުރަށް މަތިވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަލީބާބާގެ ފްލެޓްފޯމްތަކުން ދިވެހި ވިޔަފާރިތަކަށް 40 މިލިޔަން ބަޔާއި ކަނެކްޓްކޮށްދޭނެ. އެއީ 200 އެއްހައި ގައުމު. މިއީ ދުވާލަކަށް 400،000 ޑެއިލީ އިންކުއަރީސް. ވިޔަފާރިތަކުން ހަމައެކަނި އެމީހުންގެ އުފެއްދުންތަކެއް ނޫން ވިއްކަނީ. މުޅި ދުނިޔެއަށް އެ ވިއްކަނީ ދިވެހިންގެ ސަޤާފަތާއި ދިވެހިވަންތަކަން،" ވަޒީރު ވިދާޅުވިއެވެ.

މި ވޯކްޝޮޕްގެ ތެރެއިން ދިވެހި ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ ބާޒާރަށް ބޭނުންވާ ފެންވަރަށް އުފެއްދުންތައް ތައްޔާރުކުރުމާއި، ލޮޖިސްޓިކްގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތްތަކާއި އަދި މި ނޫންވެސް ވިޔަފާރިތަކަށް ބޭނުންވާ ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު