ސިވިލް ސަރވިސް ކޮމިޝަން، ސީއެސްސީގެ ރައީސްގެ މަޤާމަށް އަލްއުސްތާޛް މުޙައްމަދު މުޖްތާޒް އަދި ނައިބު ރައީސް ކަމަށް މުޙައްމަދު ނާސިޙް އައްޔަން ކުރައްވައިފިއެވެ.
ސީއެސްސީގެ ރައީސަކަށް މުޖްތާޒު އަދި ނައިބަކަށް ނާސިހް އައްޔަން ކުރެއްވުމަށް ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ ހޯމަ ދުވަހު ދައުރުން ބޭރުން ބޭއްވި ޚާއްސަ ޖަލްސާގައެވެ.
މުޖްތާޒު އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވީ މިދިޔަ އޭޕްރިލް މަހުގެ 20ވަނަ ދުވަހުއެވެ. އޭނާ އަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗްލަރ އޮފް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މުޖުތާޒް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އަދި އެނޫންވެސް އިސް މަޤާމުތައް ފުރުއްވާފައެވެ.
މުޙައްމަދު ނާސިޙް ކުރިން ހުންނެވީ ކޮމިޝަނުގެ ރައީސްގެ މަގާމުގައެވެ. އޭނާގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެން އަލުން އެ ކޮމިޝަނަށް އައްޔަން ކުރެއްވީ މި މަހުގެ 7ގައެވެ.
އެ ކޮމިޝަންގައި 5 މެންބަރުން ތިއްބަވައެވެ. އެއީ އެ ކޮމިޝަންގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖްތާޒާއި ނައިބު ރައީސް މުޙައްމަދު ނާޞިހް އަދި މެންބަރުން ކަމަށްވާ ފާތިމަތު ހަބީބާއާއި ޑރ. ދީބާ މޫސާ އާއި ޑރ. ހުސައިން ފާއިޒެވެ.



