11 ޑިސެންބަރު 2025
ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ރަސްމީ ޖަލްސާ މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވުން، ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ރަސްމީ ޖަލްސާ މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މިއަދު ހެނދުނު މީރުމާގައި ބޭއްވި މި ރަސްމިއްޔާތަށް ވަޑައިގަތުމުން އެ ކަމަނާއަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ.

މިކަމަށްޓަކައި ރަސްމިއްޔާތުގައި ރާއްޖޭގައި، ރަޖިސްޓްރީކޮށްގެން ހިންގާ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި އެތަންތަނުގައި މަސައްކަތްކުރާ ފަންނުވެރިންނާއި އެތަންތަނަށް ހުއްދަދެވިފައިވާ ޞިއްޙީ ޚިދުމަތް ފަސޭހަކަމާއި އެކީ ބަލާލެވޭގޮތަށް ފަރުމާކުރެވިފައިވާ ލައިސެންސިންގ ސޮފްޓްވެއަރ، ހެލްތު އެސްޓަބްލިޝްމަންޓް މެނޭޖްމަންޓް ސިސްޓަމް ވަނީ އިފްތިތާޙްކުރައްވާފައެވެ. މި ލައިސެންސިންގ ސޮފްޓްވެއަރ، އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ޢަބުދުﷲ ނާޡިމް ގެ އިތުރުން ދުނިޔޭގެ ޞިއްހަތު ޖަމިއްޔާގެ ރާއްޖޭގެ އޮފީހުގެ އިސްވެރިންނާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖޭގައި ޖޭ.ސީ.އައި. ޕޭޝަންޓް ސޭފްޓީ ޗެމްޕިއަންސް ތަމްރީންކުރުމުގެ ޕްރޮގްރާމްވެސް އެކަމަނާ ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. މިއީ، ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ތެރެއިން ބަލިމީހުންނަށް ބޭނުންވާ އަޅާލުމާއި، އޯގާތެރިކަމާއި ރައްކާތެރިކަންދެވޭކަން ކަށަވަރުކުރުމަށްޓަކައި ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެކެވެ. މިއަދުގެ ރަސްމިއްޔާތުގައި، ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ޝިއާރާއިގުޅޭ ޕެނަލް ޑިސްކަޝަނެއްވެސް ކުރިއަށް ދިޔައެވެ.

ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައެވެ. މި ދުވަހާއި ގުޅޭގޮތުން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "އަލަށް އުފަންވާ ކުދިންނާއި ހުރިހާ ކުޑަކުދިންގެ ރައްކާތެރިކަން، ބަލިމީހުންގެ ރައްކާތެރިކަން އެންމެފުރަތަމަ ފެށޭހިސާބު" މިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު