ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ރިޔާދަށް ކުރެއްވި ދަތުރުފުޅުގައި، ސަޢޫދީ އަރަބިއްޔާ އާއި ޕާކިސްތާނާ ދެމެދު ބުދަ ދުވަހު ސްޓްރެޓެޖިކް މިއުޗުއަލް ޑިފެންސް އެގްރީމެންޓެއްގައި ސޮއިކޮށްފިއެވެ.
މި ދަތުރުފުޅުގައި ބޮޑުވަޒީރު ޝަރީފް ވަނީ ސަޢޫދީ ވަލީއަހުދު އަމީރު މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވާ، އިސްލާމާބާދާއި ސަޢޫދީ އަރަބިއްޔާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިކޮށްދޭ މި އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.
މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުން، "ދެ ގައުމުންކުރެ އެއްވެސް ގައުމަކަށް ދެވޭ ހަމަލާއެއް ބެލެވޭނީ ދެ ގައުމަށްވެސް ދެވޭ ހަމަލާއެއްގެ ގޮތުގައެވެ."
"މި އެއްބަސްވުމަކީ ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ސަރަހައްދީ އަދި ދުނިޔޭގެ ސުލްހައާއި ސަލާމަތްތެރިކަން ޤާއިމްކުރުމަށް ދެ ގައުމުން ކުރާ މަސައްކަތް ދައްކުވައިދޭ އެއްބަސްވުމެކެވެ. އަދި މީގެ މަޤްޞަދަކީ ދެ ގައުމުގެ ދިފާޢީ އެއްބާރުލުން އިތުރުކޮށް، އެއްވެސް ހަމަލާއަކުން ރައްކާތެރިވުމަށް އެކުގައި މަސައްކަތްކުރުމެވެ،" އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.
ސަޢޫދީ އަރަބިއްޔާ އާއި ޕާކިސްތާނަކީ ގާތްގަނޑަކަށް 80 އަހަރުގެ ގާތް ގުޅުމެއް އޮތް ދެ ގައުމެވެ. މި އެއްބަސްވުމާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.



