އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިނގިރޭސިވިލާތަށް ކުރަމުންދާ ދައުލަތުގެ ދަތުރުފުޅު ނިންމަވައި ވަޑައިގަތުމަށްފަހު، އިނގިރޭސިވިލާތުން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަންނާނެ ކަމަށް ޓައިމްސް ނޫހުން ރިޕޯޓްކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރ ސްޓާމަރ ޖުލައި މަހު ވަނީ ، އިސްރާއީލުން ޣައްޒާގެ ހާލަތު ރަނގަޅުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ އަދި ހަމާސްއާއެކު ހިނގަމުންދާ ދެ އަހަރުގެ ހަނގުރާމައަށް ހުއްޓުމެއް ނުގެނެސްފިނަމަ މި ފިޔަވަޅު އަޅާނެ ކަމަށް އިންޒާރުދެއްވާފައެވެ.
ފްރާންސް، ކެނެޑާ އަދި އޮސްޓްރޭލިއާއިން ވެސް މި މަހު ތެރޭގައި ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް ބުނެފައިވާއިރު، އިސްރާއީލުން ބުނަނީ މިއީ ހަމާސްއަށް ލިބޭނެ އިނާމެއް ކަމަށެވެ.
ޓައިމްސް ނޫހުން އެއްވެސް މަސްދަރެއް ހާމަނުކޮށް ބުނެފައިވަނީ، ޓްރަމްޕްގެ ދަތުރުފުޅު ބުރާސްފަތި ދުވަހު ނިމުމުން އިނގިރޭސިވިލާތުން މިކަން އިއުލާންކުރާނެ ކަމަށެވެ. މިކަމާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓްރީން އެއްވެސް ކޮމެންޓެއްކޮށްފައެއް ނުވެއެވެ.
އިނގިރޭސިވިލާތުން އަބަދުވެސް ތާއީދުކުރަމުން އައި "ދެ ދައުލަތުގެ ހައްލު" އަށް ކުރިން ބުނަމުން އައީ އެކަށީގެންވާ ވަގުތެއްގައި މެނުވީ އެކަން ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ސްޓާމަރ، އޭނާގެ ލޭބަރ ޕާޓީގެ ބައެއް މެންބަރުންގެ ފަރާތުން އިސްރާއީލާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް އޮތް ޕްރެޝަރާއެކު، އދ.ގެ ޖެނެރަލް އެސެމްބްލީގައި މިކަން ކުރިއަށް ގެންދިއުމަށް ނިންމަވާފައިވެއެވެ.



