11 ޑިސެންބަރު 2025

އެސްބީއައި އިން ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލުގެ މުއްދަތު އިތުރުކޮށްދީފި

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލު އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދީފިއެވެ. މިކަން ހާމަވެގެން ދިޔައީ މިއަދު މާލީ ވުޒާރާއާއި އިންޑިއާ ހައިކޮމިޝަނާ ދެމެދު ބޭއްވުނު މުހިންމު ބައްދަލުވުމަކަށް ފަހުގައެވެ.

މި ބައްދަލުވުމުގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރާއި އިންޑިއާގެ ސަފީރު ޖީ. ބާލަސުބްރަމާނިއަން ބައިވެރިވެ ވަޑައިގެންނެވިއެވެ. އިންޑިއާ ސަފީރުގެ އަރިހުގައި އިންޑިއާގެ ޖޮއިންޓް ސެކްރެޓަރީ ސޫޖާ ކޭ. މެނޮން އާއި އިންޑިއާގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މާލީ ވުޒާރާއިން ހާމަކުރި ގޮތުގައި، ސެޕްޓެމްބަރު 18 ގައި މުއްދަތު ހަމަވާން އޮތް 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާކަން މި ބައްދަލުވުމުގައި ކަށަވަރުކޮށްދީފައިވެއެވެ.

"މި ނިންމުމުން ހާމަވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުންގެންދާ ދެމެހެއްޓެނިވި އިތުބާރާއި އެހީތެރިކަން" މާލީ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި އިންޑިއާ ސަރުކާރުގެ ލައިންސް އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި މި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އޮތް ފުރުޞަތުތަކާމެދު މަޝްވަރާކުރެވުނެވެ. ދާދި ފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ދެ ޤައުމު ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމާއި، އިޤްތިޞާދީ އަދި މާލީ ދާއިރާގެ އެހެނިހެން އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވާކަންވެސް ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު