ސަރުކާރާ ދެކޮޅަށް ދައްކާނެ ވާހަކައެއް ނެތިފައި ތިބި ވަގުތެއްގައި، ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރި މީޑިއާ ބިލު މަޖިލީހަށް ހުށަހެޅުމާއެކު، ސިޔާސީ ވާދަވެރިން އެކަން ސިޔާސީ ޓޫލެއްގެ ގޮތުގައި ބޭނުންކުރަން މަސައްކަތްކުރާ ކަމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު ފާސްވެގެން ދިޔައީ ނޫސްވެރިން ބޭނުންވި ގޮތަށް، ގިނަ އިސްލާހުތަކަކާއި މަޝްވަރާތަކާ އެކުގައި ކަމަށެވެ.
މިނިސްޓަރ ޝިޔާމް ވިދާޅުވި ގޮތުގައި މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، އެ ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރެވުނެވެ. އަދި ނޫސްވެރިންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ހަމައަށް ގެންދެވި، ކޮމިޓީ މަރުހަލާގައި އެ ނުކުތާތަކަށް ސީރިއަސްކަމާއެކު ރިއާޔަތްކުރެވުނު ކަމަށް ވެސް ވިދާޅުވިއެވެ.
ބިލު ގާނޫނަކަށް ވުމުން އުފެދޭ މީޑިއާ ކޮމިޝަނުގައި ހިމެނޭނީ ހަތް މެންބަރުންނެވެ. އޭގެ ތެރެއިން ތިން މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، ހަތަރު މެންބަރުންނަކީ މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ހޮވޭ މެންބަރުން ކަމަށް ވިދާޅުވެ، ކޮމިޝަނަށް ސަރުކާރުގެ ނުފޫޒެއް ނުފޯރާނެ ކަމަށް މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް ބޮޑަށް އިދިކޮޅު ޕާޓީ ވާދަވެރިން ސަރުކާރާ ދޭތެރޭގައި ދައްކާނެ ވާހަކައެއް ނެތިފައި ތިބި ވަގުތެއްގައި، ނޫސްވެރިންގެ ކަންބޮޑުވުންތަކެއް ހުރި އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް މިނިވަން މެންބަރަކު ހުށަހެޅި ވަގުތެއްގައި، ވާދަވެރިން މި ބޭނުންކުރީ ވަރަށް ބޮޑަށް ސިޔާސީ ޓޫލެއްގެ ގޮތުގައި،" މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.
މި ބިލު ފާސްވުމާއެކު، ބްރޯޑްކާސްޓިންގ ކޮމިޝަނާއި މީޑިއާ ކައުންސިލްގެ މެންޑޭޓްތައް ފުށުއެރުމުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށާއި، އެއީ ކުރިން ކަންކަން ތަންފީޒުކުރުމުގައި އެންމެ ބޮޑަށް ދިމާވި ދަތިކަމަށް ވެސް މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.



