ބާސެލޯ ނަސަންދުރަ ކައިރި އެއްކޮށްފައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި، މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:38 ހާއިރުއެވެ.
ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. ފަޔަރފައިޓަރުން ކުރި މަސައްކަތުން ކުނިތަކުގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު 10:49 ހާއިރު ކަމަށްވެސް ވިދާޅުވިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.



