ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއި ސިއްޙީ ވުޒާރާ ގުޅިގެން އުފައްދާ "ހެލްތް ޓޯކް" ޕްރޮގްރާމް މިއަދު ވަނީ އިފްތިތާޙްކޮށްފައެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ނަސްރީންއާއި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.
"ހެލްތް ޓޯކް" އަކީ ސިއްޙީ ރަނގަޅު އާދަތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ސިއްޙަތު ރައްކާތެރިކުރުމަށާއި، ރަނގަޅު ސިއްޙަތެއްގައި ދެމިހުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ތައްޔާރުކުރާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި ސިއްޙީ ވުޒާރާއާއި ޕީއެސްއެމްއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ޙަމްދާން ނާސިރެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަސްރީންއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މިހާރު ހުރި ބަލިތަކަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަކާދަތައް ރަނގަޅުކުރެވިއްޖެނަމަ އޭގެން މާ ރަނގަޅު ނަތީޖާތަކެއް އަޅުގަނޑުމެންނަށް ނެރެވިދާނެ ކަންކަން" ޕްރޮގްރާމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިއްޙީ ވަޒީރު ވިދާޅުވިއެވެ.
ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަސްރީން ވިދާޅުވީ މި ޕްރޮގްރާމަކީ ރާއްޖޭގެ ރަށްތަކަށް ގޮސް، އެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އާދަކާދަތަކާއި، އެ ބޭފުޅުންނާ ގުޅޭގޮތަށް ބައްޓަންކުރެވޭނެ ޕްރޮގްރާމެއް ކަމަށެވެ. އަދި ޒުވާނުންނާއި އެކި ޖެނެރޭޝަންތަކުގެ، އެކި ފަންތީގެ މީހުންނަށް ޚާއްސަކުރެވިގެން މި ޕްރޮގްރާމް ގެނެސްދިނުމަކީ އެފަރާތުގެ އަމާޒެއްކަމުގައި ވިދާޅުވިއެވެ.



