އަސާސީ ކާބޯތަކެތީގެ ގޮތުގައި ސަރުކާރުން އަލަށް ކަނޑައެޅުއްވި 23 ބާވަތުގެ ތަކެތި އަންނަ މަހުގެ 15 ގެ ކުރިން އެސްޓީއޯއިން ލިބެން ހުންނާނެކަމަށް އެ ކުންފުނިން މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ރާއްޖޭގައި ޒަމާނުއްސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކުމުގެ ޒިންމާ އެސްޓީއޯއާ ހަވާލުކުރައްވާފައެވެ.
"އެސްޓީއޯއަކީ ވިޔަފާރިކުރަން އުފައްދާފައިވާ ކުންފުންޏެއް، އެ ކުންފުނިން އެތެރެކުރަން ޖެހޭނީ ހަމައެކަނި ކާޑުގެ ބާވަތްތައް ނޫން، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ އެންމެ ގިނައިން ބޭނުންކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތައްވެސް އެސްޓީއޯއިން އެތެރެކުރުން" މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެސްޓީއޯއިން މިހާރުވެސް ދަނީ ސައުތު އެފްރިކާއިން އޮރެންޖު ރާއްޖެ ގެނެސް ކިލޯއަކަށް 35 ރުފިޔާގެ ރޭޓުން ވިއްކަމުންނެވެ. އަދި ދެން އެންމެ އަވަހަށް ބާޒާރަށް ނެރޭނީ ޗައިނާ އަދި އިޓަލީއިން ގެންނަ އާފަލުކަމަށް އެ ކުންފުނިން ވަނީ ހާމަކުރައްވާފައެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ބޭހުގެ ވިޔަފާރި އެހެން ކުންފުންޏަކާ ހަވާލުކުރެއްވުމަށްފަހު، އެސްޓީއޯއިން ދެން އަމާޒު ހިފާނީ ރާއްޖޭގައި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް ކަމަށެވެ. މީގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށުގައި ބިން ނަގައި، ކާބޯތަކެތި އުފެއްދުމާއި، ޕޯލްޓްރީ ފާމިންގ ފަދަ ދާއިރާތަކަށް އިންވެސްޓްކުރުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި ޒަމާނުއްސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، މުގު، ބިސް އަދި އަލުވި އެސްޓީއޯ މެދުވެރިކޮށް ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކުމަށް ނިންމަވާފައެވެ.
އަލަށް އިތުރުކުރި މޭވާތަކުގެ ތެރޭގައި ދޮންކެޔޮ، އާފަލު، އޮރެންޖު، ލުނބޯ، ޖުމްހޫރީމޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް އަދި މޭބިސްކަދުރު ހިމެނެއެވެ. އަދި ތަރުކާރީގެ ގޮތުގައި ރަތްފިޔާ، އިނގުރު، ކެރެޓު، ބަށި، ކައްޓަލަ، ލޮނުމެދު، އަލުވި، ކެބެޖު، ބަރަބޯ އަދި ބޯވެލި ހިމެނެއެވެ.
މި ނިންމެވުމަކީ ރާއްޖޭގައި ފުޑް ސެކިއުރިޓީ ޤާއިމުކުރުމަށް ރައީސްގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން އެޅުއްވި ފިޔަވަޅެކެވެ. މި ނިންމެވުމާ އެއްގޮތަށް އެސްޓީއޯ މެދުވެރިކޮށް ތަކެތި އެތެރެކޮށް ވިއްކަން ފެށުމުން ބާޒާރުގައި އެތަކެތީގެ އަގު ހިފެހެއްޓި، ރައްޔިތުންނަށް ހެޔޮ އަގުގައި މޭވާއާއި ތަރުކާރީ ލިބިގެންދާނެކަމަށް ބެލެވެއެވެ.



