11 ޑިސެންބަރު 2025

ބޮޑުތަކުރުފާނު މަގު 4 ލޭނަށް ހެދުމަށް ހިއްކާ ސަރަޙައްދުގެ މަސައްކަތް ނިމެނީ

މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނު މަގު 4 ލޭނަށް ފުޅާކޮށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ޝީޓް ޕައިލްތައް ވަރުގަދަކުރުމަށް ޖަހާ އެންކަރ ބްލޮކްގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

މާރުކޭޓު ސަރަހައްދުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލާ ހަމައަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުންވަނީ ފައްޓަވާފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ އެވެ.

މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން އެމްޓީސީސީން ވިދާޅުވީ، އެއްގަމު ތޮށި ހެދުމަށް ބޭނުންވާ ކޮންކްރީޓް ޕެނަލްތައް މިހާރު ސައިޓަށް ގެންގޮސްފައިވާކަމަށެވެ. އަދި "ސީ ޗެނަލް" އިންސްޓޯލްކުރުމާއި ޝީޓްޕައިލްތައް ވަރުގަދަކުރުމަށް ޖަހާފައިވާ އެންކަރ ބްލޮކްގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. ޝީޓް ޕައިލްކުރުމުގެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުގައެވެ. މީގެއިތުރުން މަގުފުޅާކުރުމަށް ހިއްކާ ސަރަޙައްދުގެ މަސައްކަތްވެސް މިހާރުވަނީ ނިމުމަކާ ގާތްވެފައެވެ.

މިމަޝްރޫޢުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ހިމެނޭ 132 މީޓަރުގެ ސަރަޙައްދުގައި ޝީޓްޕައިލްކުރުމުގެ މަސައްކަތްވަނީ ކޮށްފައެވެ. އަދި ފުރަތަމަ ފިޔަވަހީގައި މަގުފުޅާކުރުމަށް ހިއްކަންޖެހޭ ސަރަޙައްދު ހިއްކުމުގެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

އެމްޓީސީސީން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގައި ހިމެނޭ މަސައްކަތުގެ ދަށުން އިއްޒުއްދީން ފާލަމުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ބަންދުކޮށްގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ހެންވޭރު ފެރީ ޓަރމިނަލްއިން ފެށިގެން މަސްމާރުކޭޓާ ހަމައަށް މާލޭގެ އުތުރުން ބޮޑުތަކުރުފާނު މަގުގެ ޖުމްލަ 830 މީޓަރުގެ ސަރަޙައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 737 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތްވެސް ކުރުމަށްވަނީ ހަމަޖެހިފައެވެ. ބޮޑުތަކުރުފާނު މަގު ތަރައްޤީކުރަނީ ދުއްވާ މީހުންނަށް 4 ލޭނާއި ހިނގާ މީހުންނަށް ޚާއްސަ ސަރަޙައްދެއް ހިމެނޭގޮތަށެވެ. މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު