11 ފެބުރުވަރީ 2026
އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު، ފޮޓޯ: ދި އެޑިޝަން

އެއްވެސް ޤައުމެއްގައި މުދައްރިސުންނަށްވުރެ އަބުރުވެރި ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ނުތިބޭނެ: ތަޢުލީމީ ވަޒީރު

އެއްވެސް ޤައުމެއްގައި މުދައްރިސުންނަށްވުރެ އަބުރުވެރި ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ނުތިބޭނެ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން މުދައްރިސުންނަށް ފޮނުއްވި ތަހުނިޔާގެ ވީޑިއޯ މެސެޖްގައި ވަޒީރު ވިދާޅުވީ މުދައްރިސުންނަކީ ޤައުމު ބިނާކުރުމުގެ މޭސްތިރިންކަމަށެވެ. އަދި އަންނަން އޮތް ޖީލުތަކަށް ހުނަރާއި ރިވެތި ޚުލްގާއި އެންމެހާ ހެޔޮ ސިފަތައް ވާރުތަކޮށްދިނުމަށް އެންމެ ބުރަކޮށް މަސައްކަތްކުރާ ބަޔަކީ މުދައްރިސުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އެއްވެސް ޤައުމެއްގައި މުދައްރިސުންނަށްވުރެ އަބުރުވެރި ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ނުތިބޭނެ. އަޅުގަނޑު ދެކެނީ ހަމަ އެގޮތަށް،" ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.

މުދައްރިސުންނަކީ ގުޅިގެން މަސައްކަތްކޮށް، މުދައްރިސްކަމުގެ ފަންނު އިތުރަށް ކުރިއަރުވައި، އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިއާރަކީ "ރީކާސްޓިން ޓީޗިންގ އޭޒް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން" އެވެ. މި ޝިއާރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މުދައްރިސުންގެ ގުޅުންތައް ވަރުގަދަކޮށް، ހުރިހާ މަސްލަހަތުވެރިންނާއެކު، ޕްރިންސިޕަލުންގެ އެއްބާރުލުމާއެކު މުދައްރިސުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބިކަމަށެވެ.

ރާއްޖޭގެ ސްކޫލްތަކުގައި 11،000 އަށްވުރެ ގިނަ މުދައްރިސުން ތަޢުލީމް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން ދާއިރު، ސަރުކާރުން އަންނަނީ މުދައްރިސުންގެ ޤާބިލްކަން އިތުރުކުރުމަށް މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން މުދައްރިސުންގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން މުދައްރިސުން ތަމްރީންކުރުމުގެ ޤައުމީ ޕްރޮގްރާމެއްވެސް ވަނީ ފަށްޓަވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު