9 ފެބުރުވަރީ 2026
ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ގޮތުން 24 ގަޑިއިރަށް ކުރިއަށްގެންދާ "ނެޝެނަލް ޓޯޗް ރަން" ފެށުން، ފޮޓޯ: ހެލްތު މިނިސްޓްރީ

ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމަށް 24 ގަޑިއިރަށް ކުރިއަށްގެންދާ ދުވުން ކުރިއަަށް

ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ގޮތުން 24 ގަޑިއިރަށް ކުރިއަށްގެންދާ "ނެޝެނަލް ޓޯޗް ރަން" ފަށައިފިއެވެ. މި ހަރަކާތަކީ ނޮވެމްބަރު 1 އިން ފެށިގެން ރާއްޖޭގައި ތަންފީޒުކުރަން ފަށާ "ޖެނެރޭޝަން ބޭން" އާ ގުޅުވައިގެން ކުރިއަށްގެންދާ ޚާއްސަ ދުވުމެކެވެ. މި ދުވުން ފަށްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.

މި ދުވުން ކުރިއަށްދާނީ މާފަންނު އެކުވެނި ޓްރެކުގައި މިއަދު ހަވީރު 4 އިން ފެށިގެން މާދަމާ ހަވީރު 4 އަކާ ހަމައަށެވެ. މި ހަރަކާތުގައި ދައުލަތުގެ ވަޒީރުންނާއި އެތުލީޓުންނާއި ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވެސް ބައިވެރިވެފައިވެއެވެ. މި ހަރަކާތް ކުރިއަށްގެންދަނީ ޞީއްޙީ ވުޒާރާއިން އިސްނަގައިގެން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއާއި، އެޗްޕީއޭއާއި، ޑަބްލިޔުއެޗްއޯއާއި ސަރުކާރުގެ އެހެނިހެން އިދާރާތަކާ ގުޅިގެން "ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުންނެވެ.

ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ގޮތުން 24 ގަޑިއިރަށް ކުރިއަށްގެންދާ "ނެޝެނަލް ޓޯޗް ރަން" ފެށުން، ފޮޓޯ: މިހާރު

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޙަސަން މުޙައްމަދު ވިދާޅުވީ، ޖެނެރޭޝަން ބޭންގެ މައިގަނޑު ބޭނުމަކީ ޖީލަކަށްފަހު ޖީލެއް ދުންފަތުގެ ވަބާއިން ސަލާމަތްކޮށް، ކުޑައިރުންސުރެ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުން ކަމަށެވެ. އަދި މި ސިޔާސަތު ތަންފީޒުކުރާ ފުރަތަމަ ޤައުމަކަށް ރާއްޖެވުމަކީ ހަރުދަނާ ޖީލެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ޙަސަން މުޙައްމަދު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް މިހާރުވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާތީ، ދުރު ރާސްތާގައި ހެޔޮ ނަތީޖާ ލިބޭނެ ޖެނެރޭޝަނަލް ބޭން ސިޔާސަތަށް ރާއްޖެ ތައްޔާރުކަމަށެވެ. އަދި މިފަދަ ސިޔާސަތެއް ތަންފީޒުކުރުމަށް އެންމެ މުހިންމު ޕޮލިޓިކަލް ކޮމިޓްމަންޓް، ސަރުކާރުގެ ހުރިހާ އިދާރާއަކުންވެސް ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު މިސް ޕޭޑެން ވިދާޅުވީ، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފެށުމަކީ ދުޅަހެޔޮ މުސްތަޤުބަލަކަށް ރާއްޖެފަދަ ކުޑަ ޤައުމަކުން އެޅި ވަރަށް ހިތްވަރުގަދަ ނިންމުމެއް ކަމަށާއި، ޑަބްލިޔުއެޗްއޯއިން މި ނިންމުމަށް މަރުޙަބާ ކިޔާ ކަމަށެވެ. ހަމައެހެންމެ، މި ދުވުމުގެ ތެރެއިން ދުންފަތުގެ ވަބާއިން ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް މޯބައިލް ސިޒޭޝަން ކްލިނިކްތަކާއި، ހޭލުންތެރިކުރުމުގެ އެޑްވޮކަސީ ސްޓޯލްތައް ވަނީ ބަހައްޓާފައެވެ. މި ހަރަކާތަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު