9 ފެބުރުވަރީ 2026
ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއަރޓަރސްގެ އައު އިމާރާތް ހުޅުވައިދެއްވުން، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއަރޓަރސް ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހުޅުމާލޭ ޖަލުގެ ގޯތިތެރޭގައި ޤާއިމުކުރައްވާފައިވާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް.)ގެ ހެޑްކުއަރޓަރސްގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

އެމް.ސީ.އެސް ހެޑްކުއަރޓަރސްގެ އައު އިމާރާތް ހުޅުވައިދެއްވުމަށް މިއަދު މެންދުރު ހުޅުމާލޭ ޖަލުގައި އޮތް ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމާއެކު އެމަނިކުފާނަށް މަރްޙަބާ ވިދާޅުވީ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ ޢިހްސާން، އަދި ކޮމިޝަނަރ އޮފް ޕްރިޒަންސް ހުސައިން ޒަރީރެވެ. އެއަށްފަހު، އެމަނިކުފާނަށް ޝަރަފުގެ ގާޑެއް ވަނީ އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ހިމެނިގެން ދިދަބިސީގައި ދިވެހިރާއްޖޭގެ ޤައުމީ ދިދައާއި އެމް.ސީ.އެސްގެ ދިދަ ނަންގަވާފައިވާއިރު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއަރޓަރސް ރަސްމީކޮށް ހުޅުވައިދެއްވުމުގެ ގޮތުން، އިމާރާތުގެ ނަންބޯޑުގައި ދަމާފައިވާ ފޮތިގަނޑު، ރިމޯޓުން ކައްސަވާދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

އެ މުއައްސަސާގެ އަމިއްލަ ބިމެއްގައި ފުރަތަމަ ފަހަރަށް ހުޅުވި އެމް.ސީ.އެސް ހެޑްކުއަރޓަރސްގެ އިމާރާތަކީ، 2 ފަންގިފިލާގެ މައްޗަށް އެކުލެވޭ، 12000 އަކަފޫޓު ބޮޑުމިނުގެ އިމާރާތެކެވެ. އެމް.ސީ.އެސް ހެޑްކުއަރޓަރސްއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ތާރީޚީ ޒިޔާރަތުގައި އެމަނިކުފާނު ވަނީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއަރޓަރސްގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެމް.ސީ.އެސް ހެޑްކުއަރޓަރސްގެ އައު އިމާރާތް ބައްލަވާލައްވާފައެވެ.

16 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމި މި އިމާރާތުގައި، އެމް.ސީ.އެސް ހެޑްކުއަރޓަރސްގެ 15 ސެކްޝަން އަދި ޑިވިޜަނާއި ކޮމާންޑް ހިމެނޭހެން، 170އަށް ވުރެ ގިނަ އޮފިސަރުންނާއި މުވައްޒަފުން މަސައްކަތްކުރައްވާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު