11 ޑިސެންބަރު 2025
މާފަރު އެއަރޕޯޓު ޓަރމިނަލް ބޮޑު ކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ޙަވާލުކުރުން، ފޮޓޯ: މޯލްޑިވިއަން

މާފަރު އެއަރޕޯޓު ޓަރމިނަލް ބޮޑު ކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ޙަވާލުކޮށްފި

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް ބޮޑުކުރުމުގެ މަސައްކަތް، ޗައިނާގެ ހުނާން ނަމްބަރ 6 ކުންފުންޏާ ހަވާލުކޮށްފިއެވެ. މިއީ ޖުމްލަ 3.6 މިލިޔަން ޑޮލަރުގެ އެއްބަސްވުމެއް ކަމަށް އައިލޭންޑް އެވިއޭޝަން ސާވިސެސް (އައިއޭއެސް) އިން ވިދާޅުވިއެވެ. މި މަޝްރޫޢުގެ ދަށުން ޓަރމިނަލާއި އިންވެގެން ދެ ފަންގިފިލާގެ އިމާރާތެއް ތަރައްޤީކުރާނެއެވެ. މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 10 މަސް ދުވަހެވެ.

މާފަރު އެއަރޕޯޓު ހިންގާ އައިއޭއެސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއެވެ. ޗައިނާގެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ލީގަލް ރެޕްރެޒެންޓޭޓީވް ވަންގް ހީއެވެ. މި އިތުރުކުރެވޭ އިމާރާތުގެ ސަބަބުން މިހާރު ކުޑަވެފައިވާ ޖާގައިގެ އިތުރަށް 6238 އަކަފޫޓު ލިބި، ޖުމްލަ ޓަރމިނަލް ޖާގައަށް 12476 އަކަފޫޓުގެ އިތުރުވުމެއް ލިބިގެންދާނެއެވެ.

އައު ޓަރމިނަލް އިމާރާތާއެކު އެއަރޕޯޓުގެ ގިނަ ޚިދުމަތްތައް ފުޅާވެގެންދާނެއެވެ. މިގޮތުން މިހާރު ބޭނުންކުރާ އެރައިވަލް ހޯލް ބޮޑުކުރެވި، ބެގޭޖް ހޭންޑްލިންގް ބެލްތް ބޮޑުކުރެވޭނެއެވެ. މީގެ އިތުރުން މަޝްރޫޢު ނިމުމުން ފުރަތަމަ ފަންގިފިލާގައި 60 މީހުންގެ ޖާގައިގެ ތަނަވަސް ލައުންޖެއް އަދި ގްރައުންޑް ފްލޯގައި 4 ސީއައިޕީ ލައުންޖް ޤާއިމްކުރެވޭނެއެވެ.

އައިލޭންޑް އެވިއޭޝަނުން ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން އެއަރޕޯޓު ބޭނުންކުރާ ރައްޔިތުންނާއި ބޭރުގެ ފަތުރުވެރިންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް މާފަރު ތަރައްޤީކުރުމުގެ މާސްޓަރޕްލޭނެއް މިހާރު ތައްޔާރުކުރަމުންދާ ކަމަށާއި، އެ ޕްލޭންގެ ދަށުން އިތުރު ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް އުއްމީދުކުރާ ކަމަށް އެކުންފުނިން ބުނެއެވެ.

މިއަހަރުގެ ޖުލައި މަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މާފަރު ރައްޔިތުންނާ ބައްދަލުކުރައްވާ، އެއަރޕޯޓުގެ ޚިދުމަތް ފުޅާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ އެއަރޕޯޓް ވަށާޖެހިފައިވާ ފުރިހަމަ އެއަރޕޯޓަކަށް ހެދުމަށް ޓާމިނަލްގެ މަސައްކަތުގެ އިތުރަށް ހޮޓެލެއްގެ މަސައްކަތްވެސް ކުރައްވާނެ ކަމަށެވެ.

މާފަރު އެއަރޕޯޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 2200 މީޓަރުގެ ރަންވޭއަކާއި، ޕެސެންޖަރ ޓަރމިނަލް އިމާރާތާއި ވީއައިޕީ ލައުންޖް ވަނީ ތަރައްޤީކޮށްފައެވެ. މީގެ އިތުރުން ފަޔަރ އެންޑް ރެކްސިއު ސްޓޭޝަނާއި ކޮންޓްރޯލް ޓަވަރު އަދި ޕެސެންޖަރ ޖެޓީ ވަނީ ޤާއިމުކޮށްފައެވެ. މި އެއަރޕޯޓުގެ މަސައްކަތް ފެށިފައިވަނީ 23 ޖެނުއަރީ 2018 ގައި ކަމަށާއި، ކޮމާޝަލް ދަތުރުތައް ފަށާފައިވަނީ 1 ޑިސެމްބަރު 2019 ގައި ކަމަށް ވެސް މައުލޫމާތު ދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު