ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ "ހެލްތު އެކްސްޕޯ 2025″ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުވައިދެއްވައިފިއެވެ. މި އެކްސްޕޯ ކުރިއަށްދަނީ "ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި އެކްސްޕޯއަކީ ޞިއްޙީ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ.
މި އެކްސްޕޯގެ މައިގަނޑު މަޤްސަދަކީ ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ޞިއްޙީގޮތުން ދުޅަހެޔޮ އާދަތަކަށް ހޭލުންތެރިކުރުމާގުޅޭ މުހިންމު މައުލޫމާތުތަކެއް އާންމުންނަށް ހިއްސާކުރުމެވެ. އެކްސްޕޯ ހުޅުވައިދެއްވުމަށްފަހު ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ، އެތަންތަން ބައްލަވާލައްވާފައެވެ.
މި އެކްސްޕޯގައި މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްޢިއްޔާތަކުގެ އިތުރުން އަތޮޅުތަކުގެ 5 ރީޖަނަލް ހޮސްޕިޓަލަކާއެކު ޖުމުލަ 50 އަށްވުރެ ގިނަ ސްޓޯލް ވަނީ ބަހައްޓާފައެވެ. މި ސްޓޯލްތަކުން ޞިއްޙީ ދާއިރާގެ މަސައްކަތްތަކާގުޅޭ މައުލޫމާތުތަކާއި، މި ދާއިރާއިން ތައުލީމް ހާސިލް ކުރުމަށް ހުރި ފުރުސަތުތައް ފޯރުކޮށްދިނުމުގެ އިތުރުން، ޑޮކްޓަރަށް ދެއްކުމާއި، ހެލްތު ސްކްރީނިންގ، އަދި އެކި ބަލި ބައްޔާގުޅޭ މައުލޫމާތާއި އިރުޝާދު ދިނުމުގެ ހަރަކާތްތައް ކުރިއަށްދާނެއެވެ.
އެކްސްޕޯގެ ތެރެއިން ކުޑަކުދިންނަށް ޚާއްސަ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަވީރުގައި ކުޑަކުދިންގެ ހެލްތު ޗެކަޕް، މިންހެޔޮ ކާނާއާއި ގުޅޭ މައުލޫމާތު، ހެދިބޮޑުވުމާގުޅޭ މައުލޫމާތު، ވެކްސިން އަދި އެހެނިހެން ޞިއްޙީ މައުލޫމާތުތަކާއެކު މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ހިމެނެއެވެ. މީގެ އިތުރުން ބިދޭސީންނަށް ޚާއްސަކޮށް ޞިއްހަތާއި ގުޅޭ މުހިއްމު މައުލޫމާތާއި ހެލްތު ސްކްރީނިންގ، އަދި ޒުވާނުންނަށް ޚާއްސަ ހަރަކާތްތަކެއްވެސް ކުރިއަށްދާނެއެވެ.
ޞިއްޙީ ވުޒާރާއިން ވިދާޅުވާގޮތުގައި، މި އެކްސްޕޯގައި ނަފްސާނީ ދުޅަހެޔޮ ކަމާގުޅޭ މައުލޫމާތުތަކުގެ އިތުރުން، ހެލްތީ ފުޑް ސްޓޯލްތަކާއެކު ކެއުން ބުއިމުގެ އާދަތަކާގުޅޭ މައުލޫމާތުވެސް ހިއްސާކުރެވިގެންދާނެއެވެ. "ހެލްތު އެކްސްޕޯ 2025″ ކުރިއަށްދާނީ މިމަހުގެ 13، 15 އަދި 16 ވަނަ ދުވަހުއެވެ.



