މައުމޫން ފައުންޑޭޝަންގެ ފަރާތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް.) ގެ ދަރިވަރެއް ކަމަށްވާ ހައްވާ ރުހުޝާނާއަށް ސްކޮލަރޝިޕެއް ދީފިއެވެ. މި ސްކޮލަރޝިޕް ދިނުމުގެ ރަސްމިއްޔާތު އައި.ޔޫ.އެމް. ގައި ބާއްވާފައިވެއެވެ.
އައި.ޔޫ.އެމް. ގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވީ މައުމޫން ފައުންޑޭޝަނަކީ އެ ޔުނިވަރސިޓީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފައުންޑޭޝަނެއް ކަމަށެވެ. އަދި މި ސްކޮލަރޝިޕްގެ ދަށުން ދަރިވަރަށް ޓިއުޝަން ފީގެ ކަންކަން ހަމަޖެހި، އެލަވަންސްއަކާއި ކޮންފަރެންސްތަކުގައި ބައިވެރިވުމަށް ފައިސާގެ އިނާޔަތްތައް ލިބިގެންދާނެ ކަމަށް ޑރ. ޢަލީ ޒާހިރު ފާހަގަކުރެއްވިއެވެ.
ޑރ. ޢަލީ ޒާހިރު ވިދާޅުވީ މި ސްކޮލަރޝިޕް ދިނުމަށް ނިންމާފައިވަނީ ވަރަށް ގިނަ ކަންތައްތަކަށް ބެލުމަށްފަހު ކަމަށާއި، މި އިޢުލާނާ ގުޅިގެން 14 އެޕްލިކޭޝަން ލިބި، ޔުނިވަރސިޓީގެ ކޮމިޓީގެ ފަރާތުން ވަރަށް އިންސާފުވެރިކަމާއެކު އެޕްލިކޭޝަންތައް ބައްލަވާފައިވާ ކަމަށެވެ.
މައުމޫން ފައުންޑޭޝަންގެ ފަރާތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ދީފައިވާ ސްކޮލަރޝިޕް އެވޯޑް ކުރުމުގެ ރަސްމިއްޔާތު pic.twitter.com/Q7EmSEHxM8
— Islamic University of Maldives (@official_ium) November 13, 2025
މައުމޫން ފައުންޑޭޝަންގެ ވައިސް ޗެއަރމަން އަޙްމަދު ފާރިސް މައުމޫން ވިދާޅުވީ އެ ފައުންޑޭޝަންގެ ފަރާތުން މިހާތަނަށް 30 އަށްވުރެ ގިނަ ދަރިވަރުންނަށް މަތީ ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ. އަދި ދުވަސްތަކަކަށްފަހު އަލަށް މަތީ ތަޢުލީމުގެ ޕްރޮގްރާމެއްގެ ސްކޮލަރޝިޕެއް އެވޯޑުކުރެވުނީ މިހާރު ކަމަށާއި، އިތުރު ފުރުސަތުތައްވެސް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފާރިސް ވިދާޅުވިއެވެ.
ފާރިސް ވަނީ މީގެކުރިން މައުމޫން ފައުންޑޭޝަނުން ރާއްޖެއިން ބޭރުގައި ކިޔެވުމަށް ދަރިވަރުންނަށް ސްކޮލަރޝިޕް ދީފައިވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ފައުންޑޭޝަންގެ އިތުރު މަސައްކަތްތަކުގެ ތެރޭގައި އިތުރު ފޮތްތަކެއް ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.
މައުމޫން ފައުންޑޭޝަން އުފައްދާފައިވަނީ 26 ޖެނުއަރީ 2010 ގައެވެ. ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އިސްނަންގަވައިގެން އުފެއްދެވި މި ފައުންޑޭޝަންގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ޒުވާނުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ހޯދައިދިނުން ހިމެނެއެވެ.



