9 ފެބުރުވަރީ 2026
"ހެލްތު އެކްސްޕޯ 2025" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި، ފޮޓޯ: ހެލްތު މިނިސްޓްރީ

ބަލިތަކުން ރައްކާތެރިވެފައިވާ ދުޅަހެޔޮ މުޖުތަމަޢަކަށް އެންމެންގެ ބައިވެރިވުން މުހިންމު: ޞިއްޙީ ވަޒީރު

ތަފާތު އެކި ބަލިތަކުން ރައްކާތެރިވެފައިވާ ދުޅަހެޔޮ މުޖުތަމަޢަކަށް ވާސިލުވުމަށް ކުރާ މަސައްކަތުގައި އެންމެންގެ ބައިވެރިވުމާއި ޝާމިލުވުން މުހިންމުކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ޞިއްޙީ ވަޒީރު މިފަދައިން ވިދާޅުވީ، އެވުޒާރާއިން އިސްނަގައިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ "ހެލްތު އެކްސްޕޯ 2025″ ފެށުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ދާއިރާއެއްކަމަށެވެ. އެގޮތުން މި ދާއިރާއިން ބޭނުންވާ ސިޔާސަތުތައް ހަރުދަނާކޮށް ތަންފީޒުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ އެއްވަރަށް، ޞިއްޙީގޮތުން ބޭނުންވާ ރަނގަޅު މަޢުލޫމާތު ފޯރުކޮށްދީ، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަކީވެސް ސަރުކާރުން ޚާއްސަ ސަމާލުކަމެއްދެއްވާ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ހެލްތު އެކްސްޕޯ" އަކީ މިކަމުގެ އަލިގަދަ މިސާލެއްގެ ގޮތުގައި ފާހަގަކުރައްވާ، އެކްސްޕޯގައި ސަރުކާރުން ޞިއްޙީ ދާއިރާއިން ކުރާ މަސައްކަތްތަކަށް އަމިއްލަ ފަރާތްތަކާއި، މަދަނީ ޖަމްޢިއްޔާތަކުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ވަޒީރު ނާޡިމް ވިދާޅުވީ، ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން، ޕްރިވެންޓިވް ހެލްތު ކެއަރގެ ކަންކަން ހަރުދަނާކުރުމަށްވެސް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް ފެތުރޭ މިންވަރު މަދުކުރުމަށްޓަކާ ޞިއްޙީގޮތުން ރަނގަޅު މަޢުލޫމާތު ފޯރުކޮށްދިނުމަކީ މުހިންމުކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ކުރަން މިއުޅޭ ކަމަކީ ދިވެހި ރައްޔިތުން، ދިވެހި މުޖުތަމަޢު ބަލިމަޑުކަމުން ސަލާމަތްކޮށް ދުޅަހެޔޮ މުޖުތަމަޢުއެއް ދިވެހި މުޖުތަމަޢުގައި ޤާއިމުކުރުން. އެއީ ރައީސް ޑރ. މުޢިއްޒުގެ ހެލްތުގެ ސިޔާސަތުގެ މައިގަނޑު އަސާސަކީ. އެކަން ޙާސިލުކުރުމަށްޓަކާ އަޅުގަނޑުމެން މިފަދަ ގިނަ ކަންކަން ރާވައިގެން ކުރިއަށް މިގެންދަނީ. ތަކުރާރުކޮށް ރައީސް އިރުޝާދު ދެއްވަނީ މިކަމުގެ މުހިންމުކަން ތަފާތު އެކިގޮތްގޮތަށް ރައްޔިތުންނަށް ހާމަކޮށްދެއްވަން." ޞިއްޙީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ޞިއްޙީ ދާއިރާ ހަރުދަނާކުރެއްވުމަށް މިހާތަނަށްވެސް މުހިންމު ގިނަ ފިޔަވަޅުތަކެއް މާނަވީގޮތެއްގައި އަޅުއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ވަސީލަތްތައް ތަރައްޤީކޮށްދެއްވުމުގެ އިތުރުން، ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ތަންފީޒީ އިދާރާތަކަށް ދެއްވަންޖެހޭ ބާރުތައް ދެއްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށްޓަކާ ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ މާ ލަސްތަކެއްނުވެ ފެނިގެންދާނެކަން ވަޒީރު ވަނީ ފާހަގަކުރައްވަފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު