މުދައްރިސް ގާތަށް ދަރިވަރު ދާއިރު އަދަބުވެރިވާންޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުޠުބާގައި، މުސްލިމުންނަށް ގޮވާލައްވަނީ މާތް ﷲއަށް ތަޤުވާވެރިވެ، އެކަލާނގެ ރުހިވޮޑިގަންނަވާ ޢަމަލުތައް ހެޔޮ ގޮތުގައި ކުރުމަށެވެ. އެހެނީ، ޖިންނީންނާއި އިންސީން ހެއްދެވުނީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުމަށްޓަކައެވެ. ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، މި މަޤުޞަދު ޙާޞިލުކުރުމަށްޓަކައި، ﷲގެ ޙަޟުރަތުގައި ޤަބޫލުވާނެ އަޅުކަމެއް ކުރުމަށްޓަކައި، ވަކި ޚާއްޞަ ކަންތައްތަކެއް ޤަބޫލުކުރަންޖެހެއެވެ. މި އަސާސްތަކަކީ ދަރީން ތަރުބިޔަތުކުރުމުގައި ވަރަށް މުހިންމު ކަންތައްތަކެކެވެ؛ އެއީ އޭގެ ސަބަބުން ދަރީންގެ އުޅުމަށާއި ގުޅުންތަކަށް ހެޔޮ ބަދަލުތަކެއް ގެނުވާނޭ ކަންކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
ޚުޠުބާގައި އަލިއަޅުއްވާލެއްވި ގޮތުގައި، ނަބަވީ ޙަދީޘްފުޅުތަކުގެ ތެރެއިން، "ޙަދީޘް ޖިބުރީލު"ގެ ނަމުން މަޝްހޫރުވެފައިވާ ޙަދީޘްފުޅުގައި އިންސާނާއަށް ޢަޤީދާގެ ގޮތުންނާއި ޢަމަލީ ގޮތުން ބޭނުންވާ މުހިންމު ކަންތައްތަކެއް އެކުލެވިގެންވެއެވެ. މާތް ﷲ އިރާދަކުރެއްވީ، މި ޙަދީޘްފުޅުގައިވާ މުހިންމު ވާހަކަތައް އިންސާނުންގެ ހިތުގައި ދިގު މުއްދަތަކަށް ހަރުލާނެ ގޮތެއްގެ މަތިން އަންގަވައިދެއްވުމަށެވެ. އެހެންކަމުން، މި ޙަދީޘްފުޅު އައިސްފައިވަނީ ޚާއްޞަ ޙާދިސާއެއްގެ ސިފައިގައެވެ.
މާތް ނަބިއްޔާ ﷲ صلى الله عليه وسلم އެކަލޭގެފާނުގެ އަޞްޙާބުބޭކަލުން ތަރުބިޔަތުކުރައްވައިފައި ވަނީ އިސްލާމްކަމާއި އީމާންކަމާއި އިޙުސާންކަމުގެ މަތީގައި ކަން ފާހަގަކުރެއްވިއެވެ.
"އެހެންކަމުން އެ ބޭކަލުންގެ އަޚުލާޤާއި މުޢާމަލާތުކުރެއްވުން މާތްވެފައި ހެވެވެ. އެ ބޭކަލުންގެ މެދުގައި އެއް ބޭކަލަކާއި އަނެއް ބޭކަލަކާ ދެމެދު އޮންނަ ގުޅުން ވަރުގަދައެވެ. އިތުބާރުކުރުން ހަރުދަނާއެވެ. އެ ބޭކަލުންގެ ހިތްޕުޅުގައި އިޙުސާންކަން ރަނގަޅަށް ހަރުލައިފައިވުމުން އެ ބޭކަލުންގެ މުޖުތަމަޢުގައި ހަމަޖެހުމާއި އެކުވެރިކަން ޢާންމުވެފައިވިއެވެ." ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، މި އަދު މި މުޖުތަމަޢުގެ ތެރޭގައި ހިނގާ ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމާއި އިސްލާމްކަމާއި އިޙްސާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި، ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުންނެވެ. އަބަދާއި އަބަދު މާތް الله ބައްލަވައިވޮޑިގެންވާކަމާއި، އަދި އޭގެ އިތުރަށް ދެ މަލާއިކަތުން ތިމާގެ ގާތުގައި ތިމާގެ ޢަމަލުތަކާއި ބުނާ ބަސްތައް ލިއުއްވަން ތިއްބަވާނޭކަން، ކަށަވަރުކޮށްދެވިފައި ނުވާތީއެވެ.
"އެހެންކަމުން ޅަފަތުއްސުރެ މިކަންކަން ހިތުން ކެހިގެން ނުދާ ފަދަ ގޮތެއްގައި، ހަރުލެއްވިއްޖެ ނަމަ މީސްތަކުންގެ އުޅުންތަކާއި ގުޅުންތަކަށް ހެއު ބަދަލު އަންނާނޭކަން ކަށަވަރެވެ!" ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
ފުރަތަމަ ޚުޠުބާގައި ވާހަކަދެކެވުނު ޙަދީޘްފުޅުން ލިބިގަނެވޭ ފިލާވަޅުތަކުގެ ތެރޭގައި މުދައްރިސް ގާތަށް ދަރިވަރު ދާއިރު އަދަބުވެރިވާންޖެހޭނެކަން ފާހަގަވެއެވެ. ސާފުތާހިރުކަންމަތީގައި އަދަބުވެރިކޮށް ހުންނާންޖެހޭނެކަން ފާހަގަވެއެވެ. މުދައްރިސްގެ ކުރިމަތީގައި އިށީނުމުގެ އަދަބުވެރި ގޮތް ވެސް ފާހަގަވެއެވެ. ހަމަ އެ ފަދައިން ނޭނގޭ ކަމެއްގެ ސުވާލުކުރެވިއްޖެ ނަމަ ނޭނގޭ ވާހަކަ ބުނުމަކީ ވެސް މުދައްރިސްގެ ޤަދަރު އުނިވާނެކަމެއް ނޫންކަން ވެސް ދެނެގަނެވެއެވެ.



