11 ޑިސެންބަރު 2025

އަހަރެންނަށް ޔަޤީންކޮން އެނގޭކަމަކީ ދައުލަތުގެ ފައިސާއަކަށް ހީނާ ޚިޔާނާތެއް ނުވާނެ: ޢަލީ ސުލައިމާން

ދައުލަތުގެ ފައިސާއަށް ރައީސް އޮފީހުގެ އިސްތަރުޖަމާން ހީނާ ވަލީދު ޚިޔާނާތެއް ނުވާނެ ކަމަށް ނޫސްވެރިޔާ ޢަލީ ސުލައިމާން ވިދާޅުވެއްޖެއެވެ.

ދިވެހީންގެރާއްޖެ، މިނަމުގައި ޕީއެންސީން ރޭ ބޭއްވި ބިޔަ ޖަލްސާގައި ހީނާ ވަލީދު ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވައި، ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ސުލައިމާން ވިދާޅުވި ގޮތުގައި، މިއަޑުގެ ރިހުމާއި ވޭނާއި ކެކުޅުން ބަޔާންކޮށްދެނީ ރާއްޖޭގެ ސިޔާސީ މައިދާނުގެ އަންހެނަކަށް ވީތީ ކުރިމަތިވާ ފުރައްސާރައެވެ.

"އަމިއްލަ ދިރިއުޅުމުގެ ގޮންޖެހުންތަކާއި ސިޔާސީ ކަތިލުންތަކުގެ ކުރިމަތީގައި ކޮޅަށް ހުރެވޭނީ ހާދަ ހިއްވަރުގަދަވީމައެވެ. އެކު އުޅުނު ރަޙްމަތްތެރިއަކަށްވީތީވެސް އަހަރެންނަށް ޔަޤީންކޮން އެނގޭކަމަކީ ދައުލަތުގެ ފައިސާއަކަށް ހީނާ ޚިޔާނާތެއް ނުވާނެކަމެވެ." ޢަލީ ސުލަައިމާން ވިދާޅުވިއެވެ.

 

ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގައި ހީނާ ވިދާޅުވީ އޭނާ އަށް ކުރިމަތިވި ބައްޔަކާ ގުޅުވައި، ފުރައްސާރަ ކުރަމުންދާ ކަމަށާއި އެހާ ދަށުދަރަޖަ އަށް ވެއްޓޭނީ އިންސާނިއްޔަތުކަމެއް ނެތުނީމަ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އަންހެނަކަށް ވީތީ ސިފަ އަށް ހަޖޫޖަހަމުންދާ ކަމަށް ވިދާޅުވެ، ހީނާ ވަނީ އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެފައެވެ.

"..އަދި ކޮބައިތޯ އަޅުގަނޑށް ކުރިމަތިވި ބައްޔަކާއި މިފަދަ ކަންކަމާ ގުޅުވައި އަޅުގަނޑަށް ފުރައްސާރަ ކުރާނީ ކިހާ އިންސާނިއްޔަތުކަން ކުޑަވީމަތޯ. ކިހާ ދަށުދަރަޖައަށް ވެއްޓުނީމަތޯ؟ ޒާތީ ގޮތުން އަޅުގަނޑުގެ ސިއްހީ ހާލަތަށާއި އަޅުގަނޑުގެ ސިފަ އަށް ވެސް ހަޖޫޖަހައި އަޅުގަނޑު ކަހަލަ އަންހެނަކަށް ގޯނާ ކުރާނީ އިންސާނިއްޔަތުކަމުގެ އެއްވެސް ޒައްރެއްގެ މިންވަރު ވެސް ނެތީމަ،" ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ހީނާ ވިދާޅުވިއެވެ.

ހީނާ އަށް ކެންސަރު ޖެހިފައިވާކަން އެނގިވަޑައިގަތީ 2023 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ޕާޓީގެ މުހިއްމު މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވަނިކޮށެވެ. އުރަމަތީގެ ކެންސަރުން ރަނގަޅުވުމަށް ހޯއްދަވަމުން ގެންދަވާ ފަރުވާއާ އެކު، މީގެ ކުރިން ހީނާ ވަނީ ކެންސަރުގެ ބިރުވެރިކަމާއި ހިތްދަތިކަން ވެސް ސޯޝަލް މީޑިއާގައި ހާމަކުރައްވައިފައެވެ.

ހީނާ ވިދާޅުވީ އޭނާ އަށް އަމާޒުކޮށް، ހަގީގަތާ ހިލާފު އެތައް ވާހަކަތަކެއް ފަތުރަމުންދަނީ އަންހެނަކަށް ވީތީ ކަމަށެވެ. އޭގެ ތެރޭގައި ހީނާ ފާހަގަކުރެއްވީ އެންސްޕާ ހިންގާނެ ތަނެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން އޭނާ އަށް ކުރިމަތިވި ފާޑުކިޔުންތަކެކެވެ. ހީނާ ވިދާޅުވި ގޮތުގައި އެންސްޕާ ހިންގާނެ ތަނެއް ފިނޭންސް މިނިސްޓްރީން ހޯދަން އިއުލާންކުރީ އެ އޮންނަ އުސޫލުގެ ދަށުންނެވެ.

"އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ބިޑަށް ބޭނުން ކޮންމެ ބަޔަކަށް ކުރިމަތިލެވޭ ގޮތަށް ހާމަކަން ބޮޑުކޮށް ކުރިއަށް ގެންދިޔަ ކަމެއް. އެ ބިޑު ކާމިޔާބުކުރި ފަރާތުން އެދިގެން އެ ބިޑު ބާތިލުކޮށް، ޓާމިނޭޓްކުރީ. އެ މުއާމަލާތުގައި ދައުލަތަކަށް އެންމެ ލޯލާރިއެއް ވެސް ނުގެއްލޭ." އެންސްޕާގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ހީނާ ވިދާޅުވިއެވެ.

އެކަމަކު އަންހެނަކަށް ވީތީ އޭނާގެ ބޮލުގައި ނާޅުވަނީ ކޮން ނުހައްގު އިލްޒާމެއްތޯ ހީނާ ސުވާލު އުފެއްދެވިއެވެ. އެ ޖަލްސާގައި ހީނާ ވަނީ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގެ ބައްދަލުވުމެއްގައި އޭނާއާ ގުޅުވައި ދެެއްކި ވާހަކަތަކަކަށް ވެސް ރައްދު ދެއްވައިފަ އެވެ. ހީނާ ވިދާޅުވި ގޮތުގައި އެއީ އާއިލާ އާއި ދަރިން ދޫކޮށް، މަގުތަކަށް ނިކުމެ، ޔާމީން މިނިވަން ކުރުމަށް ކުރެއްވި ބުރަ މަސައްކަތާއި ގުރުބާނީގެ އަގު ވަޒަންކުރާ ގޮތެވެ.

ހީނާ ވިދާޅުވީ ނަފްސާނީ ގޮތުން އޭނާ ބަލިކަށިކޮށްލުމަށް ދޮގު ވާހަކަތަކެއް ދެއްކިދާނެ ކަމަށާއި އެކަމަކު އަޒުމު ގުޑުވާނުލެވޭނެ ކަމަށާއި މަސައްކަތުން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

އަލީ ސުލައިމާން ކުރެއްވި އެެހެން ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީ ސަރުކާރުގެ ފުރަތަމަ ހައުސިންގ މިނިސްޓަރު އާތިފާ ޝަކޫރުގެ އިސްތަށިފުޅުގައި ހަޤީޤަތެއް ނެތް އިލްޒާމްތައް އަޅުވައި އެކަމަނާއަށް ފުރައްސާރަކޮށް ސިޔާސީ ބައެއް މީހުން ފަތުރަމުން ދިޔަ ވާހަކަތަކާއި ދެކޮޅަށްވެސް ވާހަކަ ދެއްކެވި ކަމަށެވެ.

"އަޅުގަނޑުގެ ސޯޝަލް މީޑިއާ އެކައުންޓްތައް ފޮލޯ ކުރައްވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. އެމްޑީޕީ ސަރުކާރުގެ ފުރަތަމަ ހައުސިންގ މިނިސްޓަރު އާތިފާ ޝަކޫރުގެ އިސްތަށިފުޅުގައި ހަޤީޤަތެއް ނެތް އިލްޒާމްތައް އަޅުވައި އެކަމަނާއަށް ފުރައްސާރަކޮށް ސިޔާސީ ބައެއް މީހުން ފަތުރަމުން ދިޔަ ވާހަކަތަކާއި ދެކޮޅަށްވެސް އަޅުގަނޑު ވާހަކަ ދެއްކީމެވެ. ބަޔަކު ޤަބޫލު ނުކުރިޔަސް ޙަޤީޤަތަކީ، އާތިފާއަކީ އެމްޑީޕީ ސަރުކާރުގައި ދައުލަތަށް އެންމެ ވަފާތެރިކަމާއި އެކު ޚިދުމަތް ކުރެއްވި ބޭފުޅާއެވެ. އެކަމަނާއަށް ކުރެވުނު ފުރައްސާރައަކީވެސް ހަމައެކަނި އަންހެނަކަށްވީތީ ކުރި ފުރައްސާރަތަކެކެވެ." ސުލައިމާން ވިދާޅުވިއެވެ

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ދެން އެބަޔަކު ބުނާނީ ޢަލީ ސުލައިމާނަށް ބައި އެޅީކަމުގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު