ވިނަރެސް ޓަވަރުތަކުން ކާރު ޕާކުކުރާނެ ޖާގަ ބީލަން އުސޫލުން ވިއްކުމަށް ހައުސިން ޑެެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުވާލައިފިއެެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ވިދާޅުވީ އެ ކުންފުނިން މިދިޔަ އަހަރު ކާރު ޕާކިން ޖާގަ ބީލަމުގެ އުސޫލުން ދޫކުރުމާއި ގުޅޭގޮތުން ކޮށްފައިވާ އިއުލާނު ބާތިލްކޮށްފައިވާ ކަމަށެވެ. އަދި އުސޫލުތައް މުރާޖާކޮށް އެ ޓަވަރުތަކުގައި ގާއިމްކުރެވިފައިވާ 94 ކާރު ޕާކިން ޖާގަ ބީލަމުގެ އުސޫލުން ގަތުމަށް ހުޅުވާލާކަމަށެވެ. އަދި ވިނަރެސް ޓަވަރުތަކުގެ އިމާރާތުގެ ބޭރުން ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކާރު ޕާކިން ޖާގަތައް ފަހުގެ ތާރީހެއްގައި އިއުލާންކުރާނެ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
އެޗްޑީސީން ވިދާޅުވީ ބީލަމުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅަންޖެހޭނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރު 15:30 އަށް ކަމަށެވެ.
ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމާއި އަދި މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ލިޔެކިއުންތައް މެއިލް ކުރުމަށް އިއުލާނުގައި ވިދާޅުވެފައިވެއެވެ.
އެޗްޑީސީއިން ވިދާޅުވީ ބީލަން ފޯމު ދޫކުރުން ކުރިއަށްދާނީ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ 8:30 އިން ފެށިގެން އެ މަހުގެ 18 ވަނަ ދުވަހުގެ 15:30 އަށް ކަމަށެވެ.
ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ ބީލަމުގައި ބައިވެރިވުމަށް އެދި ހުށަހަޅާފައިވާ ފޯމުގައިވާ މައުލޫމަތާއި ލިޔެކިއުންތައް ބަލައި އޭގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އިއުލާނުގައި ވިދާޅުވިއެވެ. އަދި ފޯމު ދޫކުރަނީ އެ ކުންފުނީގެ ރިސެޕްޝަނުން ކަމަށް ވިދާޅުވިއެވެ.



