11 ޑިސެންބަރު 2025

ރަސްމީ ގަޑީގެ މަސައްކަތްތައް މިހާރު ނުރަސްމީ ގަޑީގައި ވެސް ކުރެވޭނެ: ޕޭ ކޮމިޝަން

ދައުލަތުގެ މަސައްކަތްތައް ރަސްމީ ގަޑި ނޫން އެހެން ގަޑިތަކުގައި ވެސް ކުރެވޭނެ އުސޫލެއް، "ފްލެކްސިބްލް ވޯކިން ޓައިމް"ގެ ދަށުން މިހާރު ތަންފީޒު ކުރެވޭނެ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ހާމަކޮށްފިއެވެ.

ދައުލަތުގެ މަސައްކަތްތައް ރަސްމީ ގަޑި ނޫން އެހެން ގަޑިތަކުގައި ވެސް ކުރުމުގެ އުސޫލު، "ފްލެކްސިބްލް ވޯކިން ޓައިމް"ގެ ދަށުން މިހާރު ތަންފީޒު ކުރެވޭނެ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަން (އެންޕީސީ) އިން ވަނީ ހާމަކޮށްފައެވެ. މި އުސޫލު ތަންފީޒު ކުރުމުގެ ހުއްދަ ދީފައިވަނީ ދައުލަތުގެ ޕޭ ފްރޭމްވޯކަށް މިދިޔަ މަހު ގެނެވުނު އިސްލާހަކާ ގުޅިގެންނެވެ. މި އުސޫލުގެ މައިގަނޑު ބޭނުމަކީ މަސައްކަތުގެ އެފިޝަންސީ އިތުރުކޮށް، ނަތީޖާ ނެރުމަށް މަގުފަހިކުރުމެވެ.

ޕޭ ކޮމިޝަނުން ހާމަކުރި ގޮތުގައި، މި އުސޫލު ތައާރަފް ކުރެވުނީ ބައެއް އޮފީސްތަކުގެ މަސައްކަތުގެ އުސޫލު ހުރި ގޮތުން، ވަކިވަކި މުވައްޒަފުންނަށް ރަސްމީ މަސައްކަތު ގަޑީގައި މާ ގިނަ މަސައްކަތްތަކެއް ކުރެވޭނެ ގޮތް ހަމަޖެހިފައި ނުވާތީއެވެ. މީގެ ސަބަބުން މަސައްކަތުގެ ނަތީޖާ ނެރުމަށް ހުރަސްތަކެއް ކުރިމަތިވާކަން ވަނީ ފާހަގަކުރެވިފައެވެ.

މަސައްކަތުގެ ގަޑިތައް ފްލެކްސިބަލް ކުރުމުގެ ބޭނުން

މި އުސޫލުގެ ދަށުން އެންމެ ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ އެއް ބަޔަކީ މެއިންޓަނެންސް މަސައްކަތް ކުރާ މުވައްޒަފުންނެވެ. ޕޭ ކޮމިޝަނުގެ އޮފިޝަލަކު ފާހަގަ ކުރެއްވި ގޮތުގައި، މެއިންޓަނެންސް މަސައްކަތްތައް ގިނަ ފަހަރު ކުރެވޭނީ އޮފީހުން މުވައްޒަފުން ނުކުތުމަށް ފަހުއެވެ. ކުރިން މިފަދަ މުވައްޒަފުން ހެނދުނު 8 އިން މެންދުރު 2 ޖަހަންދެން އޮފީހުގައި ތިބެފައި، އޭގެ ފަހުން އޯވަޓައިމް ނަގަންޖެހޭ ހާލަތްތައް ދިމާވެއެވެ. އޮފިޝަލް ފާހަގަކުރެއްވި ގޮތުގައި މިއީ އެންމެ އެފިޝަންޓް ގޮތެއް ނޫނެވެ.

މެއިންޓަނެންސް މުވައްޒަފުންގެ އިތުރުން، އެކި ކަހަލަ އިންސްޕެކްޝަންތަކާއި ސާވޭތައް ކުރާ މުވައްޒަފުންނާއި އައިޓީ ދާއިރާގައި ސޮފްޓްވެއާ ޑިވެލޮޕަރުންގެ ގޮތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ވެސް މިހާރު މި "ފްލެކްސިބްލް ވޯކިން ޓައިމް" އަށް އަމަލުކުރެވޭނެ ގޮތަށް އޮފީސްތަކަށް ވަނީ ފަހިކޮށްދީފައެވެ. ޕޭ ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ، ނަތީޖާ ހާސިލްކުރުމަށް މަސައްކަތުގެ ގަޑިތައް ފްލެކްސިބްލްކުރުމަށް ހުއްދަ ދީފައިވާ ކަމަށާއި، ހަމައެކަނި ރަސްމީގަޑީގައި އޮފީހަށް ހާޒިރުވުމުގެ ބަދަލުގައި، ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދިނުމަށް ވޯކިން އެންވަޔަރުމެންޓުގެ ކަލްޗާ ބަދަލުކުރުން މުހިންމު ކަމަށެވެ.

ޕޭ ފްރޭމްވޯކްގެ ދަށުން މުސާރަ ބޮޑުވުން

މި އުސޫލު ތަންފީޒު ކުރެވެމުންދަނީ ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނެވުނު ބޮޑު ބަދަލުތަކަކާ ގުޅިގެންނެވެ. ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ދައުލަތުގެ ޕޭ ފްރޭމްވޯކަށް 2022 ގައި އަމަލުކުރަން ފެށި ފަހުން، މި މަހުން ފެށިގެން ދައުލަތުގެ ވަޒީފާގައި މަސައްކަތްކުރާ ގިނަ ބަޔަކަށް މުސާރައިގެ ކުރިއެރުން ލިބޭނެއެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި އެއްވެސް މުވައްޒަފެއްގެ އަސާސީ މުސާރަ 7،400ރ. އަށް ވުރެ ދަށްނުވާނެއެވެ. ކުރިން ބައެއް މުވައްޒަފުންނަށް 3،100ރ. ވެސް ލިބިފައިވާ ކަމަށް ޕޭ ކޮމިޝަނުން ފާހަގަކުރެއެވެ. މި އާ ފްރޭމްވޯކާއެކު ފުރަތަމަ މުސާރައިގެ ކުރިއެރުން ދެވުނީ ތައުލީމީ، ސިއްހީ އަދި ޔުނިވަރސިޓީ ދާއިރާގެ މުވައްޒަފުންނަށެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މަސައްކަތެއްނެތި އޮފީސްތަކުގައި މުސާރަދޭން ގެންގުޅޭ ނާގާބިލު މުވައްޒަފުން މަދުކުރުން އެފިޝަންސީ މާރަގަޅުވާނެ. އެންމެން މީޓިންރޫމުގައި އާއި ގައުމުން ބޭރުގައި އުޅުމުގެ ސަބަބުން ގާނޫނުން ރައްޔިތުން ދޭން ލާޒިމުކޮއްފައިވާ ޚިދުމަތެއްނުދެވޭ. އެކަމަކު މަސްނިމުނީމާ މުސާރައާއި އިނާޔަށްތައް ކަނޑައެޅިފައި އޮންނަ މިންވަރަށް ލިބޭ. މިފަދަ މުވައްޒފުންނާއި މައިންބަފައިން އަތުން ބޭނުންތައް ފުއްދާލައިގެން މަސައްކަތެއް ނުކޮށް އުޅޭ ޒުވާނުންނާއި އެއްވެސް ތަފާތެއްނެތް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު