9 ފެބުރުވަރީ 2026
ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމް، ފޮޓޯ: މަޖިލިސް

ދުންފަތާ ދެކޮޅަށް އެޅި ފިޔަވަޅުތަކަކީ ކުށް އިތުރުވާންޖެހޭ ސަބަބެއް ނޫން: މިނިސްޓަރު ނާޒިމް

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުން ފަދަ ފިޔަވަޅުތަކަކީ ކުށް އިތުރުވާންޖެހޭ ސަބަބެއް ނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ނާޒިމް ވިދާޅުވީ، ބައެއް ބަދަލުތަކުގެ ސަބަބުން ފުރަތަމަކޮޅު އެކި ގޮންޖެހުންތައް ހުންނާނެ ކަމަށެވެ، ނަމަވެސް ދުންފަތާ ގުޅިގެން އަޅާ ފިޔަވަޅުތަކަކީ ކްރައިމްސް އިތުރުވާންޖެހޭ ސަބަބެއް ކަމަށް އޭނާ ގަބޫލުނުކުރައްވާ ކަމަށެވެ.

މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން، މިނިސްޓަރު ނާޒިމް ވިދާޅުވީ، ގައިންގައަށް ނާރާ ބަލިތަކުގެ މައްސަލައަށް އަލިއަޅުވާނުލައި ސިއްހީ ދާއިރާގެ ކަންކަން ރަނގަޅުވާނެ ކަމަށް ދެކުމަކީ ނާތަހުޒީބީ ވިސްނުމެއް ކަމަށެވެ. އެހެންކަމުން، މިހާރުގެ ސަރުކާރުން ރާއްޖޭގެ ސިއްހީ ސިޔާސަތުތައް ބައްޓަންކުރަނީ ގައިންގައަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް އަލިއަޅުވާލެވޭ ހަރުދަނާ ސިޔާސަތެއްގެ ތެރެއިންނެވެ.

އަދި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށްޓަކައި މީހުންނަށް ރަނގަޅު މައުލޫމާތު ދިނުމަށް މަސައްކަތްކުރާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް އެހީތެރިވުމަށް ހުރިހާ ރަށެއްގައި ސެސޭޝަން ކްލިނިކްތައް ގާއިމުކުރެވިފައިވާ ކަމަށާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ދުންފަތް ކޮންޓްރޯލްކުރާ ބޯޑާއި ކަމާގުޅުންހުރި އިދާރާތައް ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޖެނެރޭޝަނަލް ބޭންގެ ދަށުން 2007 ވަނަ އަހަރުން ފެށިގެން އުފަންވާ އެންމެންނަށް މި ނޮވެންބަރުން ފެށިގެން ސިނގިރޭޓު މަނާކުރާ ބިލަށް ރައީސް ވަނީ ތަސްދީގުކުރައްވައިފައެވެ. އެހެންކަމުން މިހާރު ވަނީ ޖެނެރޭޝަނަލް ބޭންއަށް އަމަލުކުރަން ފަށާފައެވެ. ސަރުކާރުން ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރުކުރުމާއި ހިލޭބެހުން މަނާކުރުމާއި، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުން ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު