މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އާސަންދައިގެ ނިޒާމުގެ ތެރެއަށް ހިދުމަތްތައް އިތުރުކޮށްފައިވާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ. ނަމަވެސް، މީގެ ކުރީގައި އާސަންދައިން ލިބެމުން އައި އަސާސީ ބޭސްތައް ހޯދުމުގައި މިހާރު ވަރަށް ބޮޑެތި ދަތިތަކެއް ހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ. މި މައްސަލަ ހައްލުވާނެ ރިއަލިސްޓިކް ތާރީހެއް ދެއްވުމަށް މެމްބަރުން ވަނީ މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފައެވެ.
އާސަންދައިން ލިބޭ އެއްވެސް ބޭހެއް ހުއްޓާލާފައެއް ނުވޭ
މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ އާސަންދައިން ލިބެމުން އައި އެއްވެސް ބޭހެއް ދިނުން ހުއްޓާލާފައި ނުވާނެކަމަށެވެ. އަދި އާސަންދައިން ލިބޭ ބޭސްތަކުގެ ލިސްޓު އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިގޮތުން، ދާދި ފަހުން ދުންފަތުގެ އިސްތިއުމާލުން ދުރުހެލިވުމަށް ބޭނުންވާ ބޭސްތަކާއި، ފާޓިލައިޒިންގެ ހިދުމަތްވެސް އާސަންދައިގެ ތެރެއިން ދޫކުރަން ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ އާސަންދަ ލިމިޓް ކުރުމާއި، ކުޑަކުރުމަކީ އެއްވެސް މިވަރަކަށް ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭކަމެއް ނޫންކަމަށާއި، ސަރުކާރުން އިތުރަށް ކުރާނީ މި ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްތައްކަމަށެވެ. ނަމަވެސް، ބައެއް ބޭސްތަކުގެ ވަކި ބްރޭންޑެއް ހޯދުމުގައި ދަތިކަން ހުރެދާނެކަމަށް އެނާ ފާހަގަކުރެއްވިއެވެ. މިކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.
އާސަންދައިގެ ހިދުމަތްތައް އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ މުހިންމު ނިންމެވުމެއް އިއުލާން ކުރައްވާފައެވެ. އެގޮތުން، އަންނަ ޖެނުއަރީ މަހުން ފެށިގެން ނަފުސާނީ ބަލިތަކަށް ހިނގާ ހުރިހާ ހަރަދެއް ދިވެހިރާއްޖޭގެ ޤައުމީ ޞިއްޙީ އިންޝޫރެންސް ސްކީމް ކަމަށްވާ އާސަންދައިން ހަމަޖައްސައިދިނުމަށް ވަނީ ނިންމަވާފައެވެ. މިއީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގައި، ޚާއްޞަކޮށް ނަފުސާނީ ދުޅަހެޔޮކަމަށް ދެވޭ އިސްކަން އިތުރުކުރުމަށް އަޅުއްވާފައިވާ ވަރަށް މުހިންމު އަދި ތާރީޚީ ފިޔަވަޅެކެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ނަފްސާނީ ބަލި ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާގައި އާސަންދައިން ވަކި އިންސައްތައެއް ކަވަރު ކުރުމަކީ ހަމަޖެހޭ ގޮތެއް ނޫނެވެ. ޞިއްޙީ އެހެނިހެން ބަލިތަކެކޭ އެއްފަދައިން، ނަފުސާނީ ބަލިތަކަށް ހިނގާ ހުރިހާ ހަރަދެއް ސަރުކާރުގެ އިންޝޫރެންސް ސްކީމްގެ ދަށުން ހަމަޖައްސައިދިނުމަކީ، އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދެއްގެ ތެރެއިން ވާ ކަމެކެވެ. މި ނިންމެވުމުގެ ސަބަބުން، މާލީ ގޮތުން ދަތިކަން ހުރި ނަމަވެސް، އެއްވެސް ފަރާތަކަށް ފަރުވާ ހޯދުމަށް ހުރަސް އެޅިގެން ނުދާނެއެވެ.



