ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީޒް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ2 ގައި ދެމެހެއްޓި ނަމަވެސް ކުރިން އޮތް "ނެގެޓިވް" އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކޮށްފިއެވެ.
ކްރެޑިޓް ރޭޓިންގ އެޖެންސީ މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ Caa2 ގައި ދަމަހައްޓާފައިވީ ނަމަވެސް، ކުރިން އޮތް "ނެގެޓިވް" އައުޓްލުކް މިހާރު ވަނީ "ސްޓޭބަލް" އަށް ބަދަލުކޮށްފައެވެ. މާލީ ވުޒާރާއިން ވިދާޅުވީ މި ބަދަލަކީ ފާއިތުވި އަހަރުގެ ތެރޭގައި ރާއްޖެއިން ގެންގުޅުނު ހަރުދަނާ މާލީ ސިޔާސަތުތަކާއި، ދަރަނި ދެއްކުމުގެ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ ރޭވުންތެރި މަސައްކަތްތަކުގެ ރަނގަޅު ނަތީޖާކަމުގެ ހެއްކެއް ކަމުގައެވެ.
ފާއިތުވި އަހަރުތަކުގައި އާމްދަނީއާ ނުބައްދަލު ޚަރަދުތަކުގެ ސަބަބުން ސަރުކާރުގެ ފިސްކަލް ހާލަތު ދަށްވެ، ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ވަނީ ރާއްޖޭގެ ދަރަނި އަދާނުކުރެވޭ މިސްރާބެއްގައިވާ ކަމަށް ފާހަގަކޮށްފައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ބޭރު ފައިސާއިން ދަރަނި އަދާކުރުމަށް ބޮޑު ޚަރަދެއް ދާން ޖެހި، ދައުލަތުގެ ރަސްމީ ރިޒަރވް ވަނީ ހީނަރުވެފައެވެ. މި ހާލަތުން އަރައިގަތުމަށްޓަކައި، 2024 ވަނަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ދެމެހެއްޓެނިވި ގޮތެއްގައި މާލީ ކަންކަން ތަރުތީބުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް ތަންފީޒުކުރަން ފަށާފައެވެ.
މޫޑީޒްއިން ފާހަގަކުރި ގޮތުގައި ރޭޓިންގ އައުޓްލުކް ރަނގަޅުވުމުގެ މައިގަނޑު ސަބަބަކީ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މެކްރޮފިސްކަލް ހާލަތު ރަނގަޅުވުމެވެ. މިގޮތުން، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އެއަރޕޯޓް ޓެކުހާއި ފީ، ގްރީން ޓެކްސް އަދި ޓީޖީއެސްޓީގެ ރޭޓުތައް މުރާޖައާކޮށް، ބޭރު ފައިސާގެ ޤާނޫނާއި ގަވާއިދު ތަންފީޒުކުރުމުގެ ސަބަބުން ރަސްމީ ރިޒަރވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ވަނީ ރަނގަޅުވެފައެވެ.
މީގެ އިތުރުން، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި (އެސްޑީއެފް) ބޭރު ފައިސާގެ ކޭޝް ބެލެންސް މިދިޔަ އަހަރުގެ 15 މިލިއަން އެމެރިކާ ޑޮލަރުން 9 ނޮވެންބަރު 2025 ގެ ނިޔަލަށް 126 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައިވާކަން މޫޑީޒްއިން ފާހަގަކުރިއެވެ. އަދި ސަރުކާރުން ޚަރަދުތައް ކޮންޓްރޯލްކޮށް މި އަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތައްވެސް މޫޑީޒްގެ ނޫސްބަޔާނުގައި ފާހަގަކުރެވިފައިވެއެވެ.
މާލީ ސިޔާސަތުތަކަށް ބަދަލުތައް ގެނެސްފައިވީ ނަމަވެސް، ރާއްޖޭގެ އިގުތިސާދީ ދުވެއްޔަށް ނޭދެވޭ އަސަރެއް ނުކޮށް އިގުތިސާދު ބާރުމިނުގައި ކުރިއަރަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރާ އަޅާބަލާއިރު 10 އިންސައްތައިން އިތުރުވެފައިވާއިރު، ފަތުރުވެރިން ހޭދަކުރާ ރޭގެ އަދަދުވެސް ވަނީ 7.2 އިންސައްތައިން ކުރިއަރާފައެވެ.
2026 އިން 2028 ވަނަ އަހަރަށް ފާސްކޮށްފައިވާ މެދުރާސްތާގެ ބަޖެޓުގައި، އިގުތިސާދަށް ނޭދެވޭ އަސަރެއް ނުކުރާނެ މިންވަރަކަށް ސަރުކާރުގެ ޑެފިސިޓް ކުޑަކުރަމުން ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ޖީޑީޕީގެ ނިސްބަތުން ޖުމުލަ ދަރަނި ދަށްކޮށް، ދަރަނީގެ ދެމެހެއްޓެނިވިކަން އިތުރުކުރުމަށް، އެސްޑީއެފްގައި ޖަމާކުރާ ބޭރު ފައިސާއިން ކޮންމެ އަހަރަކުވެސް އަދާކުރަންޖެހޭ ބޭރުގެ ދަރަނި އަނބުރާ ދެއްކުމަށް ވަނީ ރާވާފައެވެ.
ދަރަނީގެ މިންވަރު މަތިކަމުން Caa2 ރޭޓިންގ ދަމަހައްޓާފައިވީ ނަމަވެސް، 2026 ވަނަ އަހަރު މެޗުއަރވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު އަދި އެހެނިހެން ދަރަނި އަދާކޮށް، މެދުރާސްތާގައި ދަރަނީގެ މިންވަރު ދަށްކުރެވޭނެ މިސްރާބަކަށް ގެނައުމަށް ވަނީ ރާވާފައެވެ. މީގެ އިތުރުން މޫޑީޒްއިން ފާހަގަކުރި ގޮތުގައި، ރާއްޖެއަށް ބޭރުގެ ފަރާތްތަކުން ފައިނޭންސިންގ ހޯދޭ މިންވަރު ދަށްވެފައިވާކަމަށް ކުރިން ފާހަގަކުރެވުނު ނަމަވެސް، ދޭދޭ ޤައުމުތައް މެދުވެރިކޮށް ފައިނޭންސިންގ ހޯދުމުގެ ޤާބިލުކަން މިހާރު ވަނީ ދައްކައިދީފައެވެ.
ސަރުކާރުގެ އާމްދަނީ އާއި ޚަރަދުގެ ސިޔާސަތުތައް ތަންފީޒުކުރަމުން ގެންދާނީ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމާއެކު މެކްރޮއިކޮނޮމިކް ސްޓެބިލިޓީ ހާސިލުވާނެ ގޮތުގެ މަތިންނެވެ.



