ދިވެއްސެއްގެ ނިވަލުގައި ފިލައިހުރެ އަމިއްލަ ވިޔަފާރި ހިންގާ އެއްވެސް ބިދޭސީއަކަށް ޖާގަ ނުދިނުމަށް އެންމެން އެއްރޫޙެއްގައި އެއްބާރުލައިގެން މަސައްކަތްކުރަން ޖެހޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މިފަދައިން ވަޒީރު ވިދާޅުވީ ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމާފައިވާކަން ފާހަގަކުރައްވައެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓްކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ، ރައްޔިތުން ކަންބޮޑުވާ ޒަމާންވީ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް ލިބުނު އިތުރު ބާރެއް ކަމަށެވެ.
ބިދޭސީން ނުގަވާއިދުން ރާއްޖޭގައި ހިންގާ ވިޔަފާރިތައް ހުއްޓުވައި، ފުރިހަމަ ބާރުވެރިކަމާއެކު ފިޔަވަޅުތައް ތަންފީޒުކުރުމަށްޓަކައި، 1979 ވަނަ އަހަރުގެ ފޮރިން އިންވެސްޓްމަންޓް ޤާނޫނު ނިމުމަކަށް ގެނެސް، މުޅީން އަލަށް ހަރުދަނާ ޤާނޫނެއް އެކުލަވާލުމުގެ ފުރުސަތު މި ސަރުކާރުން ފަހިކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތް އަންނަ ހަފުތާއިން ފެށިގެން ހަލުއިކޮށް، ރަނގަޅު ނަތީޖާތަކެއް ނެރެމުންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ތަންފީޒީ އިދާރާތަކާއި، ޚާއްސަކޮށް ދާޚިލީ ވުޒާރާއާއި އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށާއި، މިފަދަ ކޮންމެ ކަންބޮޑުވުމެއް ޙައްލުކުރެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ގަވާއިދާ ޚިލާފަށް ބިދޭަސީން ހިންގާ ވިޔަފާރިތައް ދެނެގަނެ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުންނިންމަވާ، މިފަދަ ވިޔަފާރި ރިޕޯޓްކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ، ރައްޔިތުން ނުހަނު ކަންބޮޑުވާ މި ޒަމާންވީ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މި ސަރުކާރުން ފަށާފައިވާ… pic.twitter.com/2v9GSwDqF1
— Mohamed Saeed (@em_saeed) November 27, 2025
ސަރުކާރުން މި މައްސަލައަށް ޙައްލު ގެނެސްދީ، ދިވެހީންގެ ވިޔަފާރިތައް ބާރުވެރި ކުރުވައި، ދިވެހީންގެ ތިޔާގިކަމަށް އިސްކަން ދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާރުވަނީ ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ 34 ދާއިރާއެއް ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ޔަގީންކަން ދެއްވާފައިވާ ގޮތުގައި، ޤަވައިދާ ޚިލާފަށް ކުރާ ވިޔަފާރީއާ ގުޅިގެން ލިބޭ މަޢުލޫމާތުތައް "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް" މެދުވެރިކޮށް، އަވަސް ފިޔަވަޅު އަޅާނެއެވެ.




ކިޔުންތެރިންގެ ޚިޔާލުތައް:
ތިކަމުގެ އަޑީގަ ސިފައިންނާ ފުލުހުން.