15 ޖަނަވަރީ 2026
ނ.މާފަރު ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފެށުން، ފޮޓޯ: ހެލްތު މިނިސްޓްރީ

މާފަރު ސިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް، އައު އިމާރާތުގެ ބިންގާ އަޅައިފި

ނ.މާފަރު ސިއްޙީ މަރުކަޒުގެ ޚިދުމަތް ރަސްމީކޮށް 24 ގަޑިއިރަށް ބަދަލުކޮށް، އެ މަރުކަޒަށް އިތުރުކުރާ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

މިއީ 1335 މީހުންގެ އާބާދީއެއް އޮންނަ ނ. މާފަރުގެ ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ހޯދުމުގައި ލިބިގެންދިޔަ ބޮޑު ލުޔެއްކަމަށް ސިއްޙީ ވުޒާރާއިން ފާހަގަކުރައްވައެވެ.

މ. މާފަރުގެ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އެޅުމަށާއި، މަރުކަޒުގެ ޚިދުމަތްތައް 24 ގަޑިއިރަށް ބަދަލުކުރުން ރަސްމީކޮށް އިފްތިތާހުކުރުމަށް މިއަދު އެރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ. މި ރަސްމިއްޔާތުގައި، ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، މިއަދު އިފްތިތާހުކުރެވުނު ޚިދުމަތްތަކަކީ މާފަރު ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދިޔަ ޚިދުމަތްތަކެއް ކަމަށެވެ.

މާފަރުގެ ސިއްޙީ މަރުކަޒުން މީގެ ކުރިން ޚިދުމަތް ދެމުން އައީ ދުވާލަކު 16 ގަޑިއިރަށެވެ. އެހެންކަމުން، ރޭގަނޑުގެ ވަގުތުތަކުގައި ކުއްލި ހާލަތްތަކުގައި ސިއްޙީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. ސަރުކާރުން ގެންނެވި ބަދަލާއެކު، މާފަރުގެ ރައްޔިތުންނަށް ކޮންމެ ވަގުތެއްގައިވެސް ސިއްޙީ އެހީތެރިކަން ހޯދުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެގެންގޮސްފައެވެ.

މާފަރު ސިއްޙީ މަރުކަޒަށް އިތުރުކުރާ އައު އިމާރާތަކީ ސަރުކާރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ)އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އައު އިމާރާތުގައި ޤާއިމުކުރެވޭނެ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި ލެބޯޓްރީ (ލެބް) އަދި އެކްސްރޭގެ ޚިދުމަތް ހިމެނެއެވެ. މި ޚިދުމަތްތައް ޤާއިމުވުމުން، މާފަރުގެ ރައްޔިތުންނަށް ފަރުވާގެ ބޭނުމަށް ރަށުން ބޭރަށް ދާންޖެހޭ މިންވަރު ކުޑަވެ، ރަށުތެރެއިން ޒަމާނީ ފެންވަރުގެ ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދެވޭނެކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު