ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ފާހަގަކުރެވޭނަމަ އެކަމުގެ މަޢުލޫމާތު ހިއްސާ ކުރުމުން އެކަމާއި ދެކޮޅަށް އަވަސް ފިޔަވަޅު އަޅާނެކަމުގެ ޔަޤީންކަންދެއްވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ވިދާޅުވީ ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓެއް އެކުލަވާލާފައެވެ. އެ ލިސްޓުގައި 34 ދާއިރާއެއް ހިމަނާފައިވެއެވެ.
އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެެއްގައި ވިދާޅުވީ ޤަވާޢިދާ ޙިލާފަށް ބިދޭސީން ހަރަކާތްތެރިވާ 2 ގޮތެއް އެ ވުޒާރާއަށް ފާހަގަކުރެވުފައިވާކަމަށެވެ. އެގޮތުން ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތަކާއި ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ ބިދޭސީ ވިޔަފާރިތައް ފާހަގަވެފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށާއި، މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ 22 ވަނަ ދުވަހު ފާސްކޮށް ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ޝާއިޢުކުރި ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން، ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި ވިޔަފާރިކުރުން މަނާ ދާއިރާތައް އާންމުކޮށްފައިވާކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
Announcement: Reporting Foreign Businesses Operating Illegally.
އިޢުލާން: ޤާނޫނާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތައް ރިޕޯޓުކުރުން.https://t.co/d8BHxtgpTt pic.twitter.com/fvXGruI8id— Ministry of Economic Development and Trade (@MoEDmv) November 27, 2025
އެ ވުޒާރާއިން ވަނީ އެ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތައް ފާހަގަވާނަމަ ރިޕޯރޓްކުރުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން އެ ވުޒާރާގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް، ރިޕޯރޓް ކުރުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން އެ ވުޒާރާގެ ހޮޓްލައިން 3333199 ނުވަތަ އިމިގްރޭޝަން ވޮޗްއަށްވެސް ރިޕޯޓު ކުރެވޭނެއެވެ.
އެ ވުޒާރާއިން ވިދާޅުވީ އެކަމާ ގުޅިގެން ލިބޭ މަޢުލޫމާތުތައް "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް" މެދުވެރިކޮށް، އަވަސް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. މިއީ ދާޚިލީ ވުޒާރާއާއި ދިވެހި ފުލުހުން ގެ އިތުރުން އިމިގްރޭޝަންއާއި ސަރުކާރުގެ ތަންފީޒީ އިދާރާތައް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޓާސްކްފޯހެކެވެ.
ބިދޭސީން ޤަވާޢިދާ ހިލާފަށް ވިޔަފާރިކުރާ ކަމުގެ މަޢުލޫމާތު ހުށައެޅުމުގައި، ހުށަހަޅާ ފަރާތް ނޭނގޭ ގޮތަށް މަޢުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާކަން އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.




ކިޔުންތެރިންގެ ޚިޔާލުތައް:
ކޮން ދާއިރާ އަކުން ނުކުރަނީ