ޔޫރަޕުގެ އެއްވެސް ގައުމަކަށް ހަމަލާ ނުދޭނެ ކަމުގެ ގެރެންޓީ ލިޔުމުން ދޭން ތައްޔާރަށް ހުންނެވިކަމަށް ރަޝިޔާގެ ރައީސް ވްލެޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.
ރަޝިޔާގެ ރައީސް ވްލެޑިމިއަރ ޕުޓިން ވިދާޅުވެފައި ވަނީ، ޔޫރަޕުގެ އެއްވެސް ގައުމަކަށް ހަމަލާ ނުދޭނެ ކަމުގެ ގެރެންޓީއެއް ލިޔުމުން ދިނުމަށް ރަޝިޔާ ތައްޔާރަށް އޮތް ކަމަށެވެ. އަދި މުސްތަގުބަލުގައި ރަޝިޔާއިން ހަމަލާދާނެ ކަމަށް ބުނާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ޕުޓިން ސިފަކުރެއްވިއެވެ. މިފަދަ ދައުވާތަކަކީ "ދޮގު" އަދި "ބޭކާރު" ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ޔޫރަޕުގެ ލީޑަރުން މިކަމާ މެދު ޝައްކުކުރެއެވެ. އެއީ 2022 ވަނަ އަހަރު ޔޫކްރެއިނަށް އަރައިގަތުމުގެ ކުރިން ވެސް ޕޫޓިން މިފަދައިން އިންކާރު ކުރައްވާފައިވާތީކަމަށް ބުނެއެވެ. ޔޫކްރެއިނަށް އަރައިގަތުމުގެ ކުރިން ވެސް ރަޝިޔާއިން ހަމަލާ ނުދޭނެ ކަމަށް ޕޫޓިން ވިދާޅުވެފައި ވާއިރު، އެކަމާ ހިލާފަށް އޭނާ އަމަލުކުރެއްވުމުގެ ސަބަބުން، މިހާރު ދެއްވާ ގެރެންޓީއަށް ވެސް އެމީހުން އިތުބާރުކުރާކަށް ބޭނުމެއް ނުވެއެވެ.
ޕުޓިން ވިދާޅުވީ، ސީރިއަސް ސުލްހައިގެ ވާހަކަތަކަށް ހުޅުވާލެވިފައިވާ ކަމަށާއި، އެމެރިކާއިން ތާއީދުކުރާ ސުލްހައިގެ ޕްލޭނަކީ ވެސް ފެށުމެއް ކަމަށް ބެލެވިދާނެ ކަމަށެވެ. ނަމަވެސް، އޭނާ ޝަރުތުކުރައްވާފައި ވަނީ ޔޫކްރެއިނުގެ ސިފައިން ޑޮނެޓްސްކް އަދި ލުހާންސްކްގެ ހުރިހާ ސަރަހައްދަކުން ފައިބަން ޖެހޭނެ ކަމަށެވެ. މީގެ ތެރޭގައި މިވަގުތު ރަޝިޔާގެ ބާރުގެ ދަށުގައި ނެތް ސަރަހައްދުތައް ވެސް ހިމެނެއެވެ.
ޕުޓިން އިތުރަށް ވިދާޅުވެފައިވަނީ ވަނީ ޔޫކްރެއިނުގެ ރައީސް ޒެލެންސްކީއަކީ "“ގާނޫނީ ހައިސިއްޔަތެއް ނެތް" ލީޑަރެއް ކަމަށެވެ. އެހެންކަމުން ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ޕުޓިން ވިދާޅުވިއެވެ. ޔޫކްރެއިނުން މިވާހަކަތައް ދޮގުކުރާއިރު، އެ ގައުމުގެ ސަރަހައްދެއް ދޫކޮށްނުލާނެ ކަމަށް ވަނީ ބުނެފައެވެ.



